ޚަބަރު

އިންޓަނެޓްގެ އަގަށް ލުއި ދޭނަން، އެ މަސައްކަތް ކުރިއަށް އެބަދޭ: ރައީސް

އަލީ ޔާމިން

އިންޓަނެޓްގެ އަގަށް ލުއި ދެއްވާނެ ކަމަށާއި އެކަމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެމަނިކުފާނު ވިދާޅުވީ، މި ދުވަސްވަރު އިންޓަނެޓް ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އެހެންކަމުން އެކަމަށް ލުޔެއް ހޯދައިދޭންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މިކަމުގެ މައުލޫމާތު ރައްޔިތުންނާއި އަޅުގަނޑުމެން ހިއްސާ ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރު އޮފިސްތަކާއި ސްކޫލުތަކާއި ކޮލެޖު ޔުނިވާސިޓީތައް ވަނީ ބަންދުކޮށްފައެވެ. އެހެންކަމުން މިދުވަސްވަރު ގިނަ ބަޔަކު ގޭގައި ތިބޭނެތީ، މުވާސަލާތީ ހިދުމަތްތައް ދޭ ކުންފުނިތަކުން އިންޓަނެޓަށް ލުޔެއް ނުދޭ މައްސަލައިގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ވަނީ މަޖިލީހަށް ހުށަހަޅުއްވައިފައެވެ.

އިންޓަނެޓްގެ އަގަށް ލުޔެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއިރު .މިދިޔަ އަހަރުގެ މޭ މަހު ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވަނީ ރައްޔިތުންނާއި ވިޔަފާރިވެރިން އުފާވާ މިންވަރަށް، ކައިރި މުސްތަގުބަލެއްގައި އިންޓަނެޓްގެ އަގު ހެޔޮކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން ހާސިލް ވެފައެއް ނުވެއެވެ.

ރާއްޖެއަކީ ސަރަހައްދީ ގައުމުތަކުގެ ތެރެއިން އެންމެ އިންޓަނެޓް އަގުބޮޑު އެއް ގައުމެވެ.