ކޮވިޑް 19ގެ ހާލަތު މިހާ ހިސާބަށް މި ދިޔައީ ދުނިޔޭގެ ގައުމުތަކުން އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަރާފައި ހުރި ގައުމުތައް މިކަމަށް އިސްވެ ފިޔަވަޅު އެޅި ނަމަ، މިހާ ހިސާބަކަށް މިކަމެއް ނުދާނެ ކަމަށާއި ނަމަވެސް މިއަދު މިއޮތީ އެ ހާލަތަށް ގޮސްފައި ކަމަށެވެ.
"ކުރިއަރާފައި ހުރި ގައުމުތައް މިކަމަށް އިސްވެ ފިޔަވަޅު އެޅި ނަމަ، މިހާ ހިސާބަކަށް މިކަމެއް ނުދާނެ. ޔޫރަޕު ވެސް، އެމެރިކާ ވެސް އަޅަންވާ ފިޔަވަޅު އެވަގުތުގައި އެޅި ނަމަ، އަޅުގަނޑުމެންނަށް މިހިސާބަކަށް ދުނިޔެ ނުދިޔައީސް. އެއީ ހިތާމަ ހުރި ކަމެއް. އެހެންނަމަވެސް މިއަދު މިއޮތީ އެ ހިސާބުގައި. އިރާދަކުރެއްވިއްޔާ މިކަމުން އަރައިގަނެވޭނެ. ވޯސްޓް ސިނާރިއާއޯއެއް އަޅުގަނޑުމެން ތައްޔާރުވެގެން މިތިބީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެން އަޅަމުންގެންދާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަށް މިހުރީ ދުނިޔޭގެ އެހެން ހުރިހާ ގައުމަކަށްވުރެ ބޮޑަށް ހިފެހެއްޓިފައި ކަމަށާއި އޭޝިއާ، ސައުތު އީސްޓް އޭޝިއާ މިކަމަށް ދުރާލައި ތައްޔާރުވެފައި ހުރިތަން ފެންނަ ކަމަށެވެ.