ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދުނިޔޭގެ ހުރިހާ ގައުމަކަށްވުރެ ބޮޑަށް ރާއްޖޭގައި ކޮވިޑް 19ގެ ހާލަތު ވަނީ ހިފެހެއްޓިފައި: ރައީސް

ދުނިޔޭގެ ހުރިހާ ގައުމަކަށްވުރެ ބޮޑަށް ރާއްޖޭގައި ކޮވިޑް 19ގެ ހާލަތު ހިފެހެއްޓިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެން އަޅަމުންގެންދާ ފިޔަވަޅުތަކުން ސަބަބުން ރާއްޖެއަށް މިހުރީ ދުނިޔޭގެ އެހެން ހުރިހާ ގައުމަކަށްވުރެ ބޮޑަށް ހިފެހެއްޓިފައި ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ފަށައިގަތް އިރުވެސް އަޅުގަނޑުމެންނަށް މިކަމުގައި ވެގެންދާނެ ގޮތުގެ ރިޕޯޓު ގެނެސްދިން. މިހާރު ތިންވަނަ ފަހަރަށް ރިވައިސްކޮށްފައި އަޅުގަނޑުމެންނަށް އެ ހިއްސާކޮށްފި. އިރާދަކުރެއްވިއްޔާ ރާއްޖޭގައި އެ ކާވް ނުދޭ އަރައިގެންނެއް. އަޅުގަނޑުމެންނަށް އެބަ ހިފެހެއްޓޭ. އެހެންވީމާ ޓެކްނިކަލް ޓީމުން އެ ދެއްވި ލަފަޔާ އެއްގޮތަށް އަޅުގަނޑުމެންނަށް އެ ދުވަހުން ފެށިގެން މި އަޅަމުންގެންދާ ފިޔަވަޅުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް މިހުރީ ދުނިޔޭގެ އެހެން ހުރިހާ ގައުމަކަށްވުރެ ބޮޑަށް ހިފެހެއްޓިފައޭ އަޅުގަނޑު ދަންނަވާނީ. މުޅި ދުނިޔެއަށް ބަލައިލާއިރުގައި ޖަޕާން އަދި ސިންގަޕޫރު އެބައުޅޭ އެއްވަރެއްގައި ހިފެހެއްޓިފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭޝިއާ، ސައުތު އީސްޓް އޭޝިއާ މިކަމަށް ދުރާލައި ތައްޔާރުވެފައި ހުރިތަން ފެންނަ ކަމަށާއި ހަމައެގޮތަށް ކުރިއަރާފައި ހުރި ގައުމުތައް މިކަމަށް އިސްވެ ފިޔަވަޅު އެޅި ނަމަ، މިހާ ހިސާބަކަށް މިކަމެއް ނުދާނެ ކަމަށެވެ. އަދި ވޯސް ކޭސް ސިނާރިއޯއަށް ރާއްޖެ ތައްޔާރަށް އޮތްކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.