ޚަބަރު

ފަހު ފަތުރުވެރިޔާ ފުރާތާ 14 ދުވަސް ފަހުން މުވައްޒަފުންނަށް ރިސޯޓުން ފޭބޭނެ: ރައީސް

އަލީ ޔާމިން

ފަހު ފަތުވެރިޔާ ފުރާތާ 14 ދުވަސް ފަހުން މުވައްޒަފުންނަށް ރިސޯޓުން ފޭބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން މިހާރު ވެސް 50 ރިސޯޓެއް ބަންދުކޮށްފައިވާ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމުމާއި ގުޅިގެން ކުރިއަށް އޮތް ހަފްތާއެއް ނުވަތަ ދެ ހަފްތާއެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރިސޯޓެއް ބަންދުކުރާނެ ކަމަށެވެ.

އެހެންކަމުން ރިސޯޓުތަކުން އެންމެ ފަހު ފަތުރުވެރިޔާ ފުރާ ތާރީހުން ފެށިގެން 14 ދުވަސް ފަހުން އެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރިސޯޓުތަކުން ފޭބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް މިމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ރިސޯޓްތަކާއި އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގައިފައެވެ.

އެގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި އެޗްޕީއޭއިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ ރިސޯޓްތަކުން މީހުން ދިރިއުޅޭ އެއްވެސް ތަނަކަށް މީހުން ދަތުރުކުރުމާއި ރަށްރަށުން ރިސޯޓްތަކަށް މީހުން ދަތުރުކުރުމާއި އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރުކުރުން ވަކި އެންގުމެއް އަންގަންދެން ހުއްޓާލަން އަންގާ ކަމަށެވެ.

ނަމަވެސް ބައެއް ހާލަތްތަކުގައި ދަތުރުކުރަންޖެހޭ ފަރާތްތައް އެ އެންގުމުން އިސްތިސްނާވާނެ ކަމަށް ބުނެފައިވެއެވެ.

  • އެ ހާލަތްތަކުގެ ތެރޭގައި ހިިމެނެނީ
  • - ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާ އަދާކުރުމަށް ރިސޯޓަށް ދިއުން
  • - ފަތުރުވެރިން ރާއްޖެއިން ފުރުވުމަށްޓަކައި އެއާޕޯޓަށް ދިއުން
  • - ފަތުރުވެރިން ފުރުވަން ދާންޖެހޭ މުވައްޒަފުން އެއާޕޯޓަށް ދިއުން (މިފަދަ މުވައްޒަފުން އެނބުރި އަންނަންޖެހޭނީ ރިސޯޓަށެވެ. އަދި އެފަދަ ފަރާތްތައް ދަތުރުކުރަމުންދާ ގޮތުގެ މައުލޫމާތު ރިސޯޓްތަކުން ބަލަހައްޓަންވާނެއެވެ.)
  • - ރިސޯޓްތަކަށް މުދާ އުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަރާތްތަކުން ރިސޯޓްތަކަށް މުދާ ފޯރުކޮށްދިނުމުގައި ޖެޓީއާ ހިސާބަށް ދިއުން. (މިފަދަ ފަރާތްތަކުން ރިސޯޓަށް އެތެރެވެފައިވާނަމަ، އެ ފަރާތްތަކަށް ރިސޯޓުން ފޭބުމުގެ ހުއްދައެއް ނޯންނާނެއެވެ.)