މިވަގުތު ރާއްޖެ މިއޮތީ ލޮކްޑައުންއެއްގައި ކަމަށާއި މިއަށްވުރެ ބޮޑު ލޮކްޑައުންއެއް ނާންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މީގެ 24 ގަޑިއިރު ފަހުން ބޭރަކުން މީހަކަށް ރާއްޖެއަކަށް ދެން ނާދެވޭނެ ކަމަށާއި އެހެންކަމުން ލޮކްޑައުންއެކޭ ބުނެވިދާނެ ކަމަށެވެ.
"ރާއްޖެ ލޮކްޑައުންއަކަށް މިއޮތީ ގޮސްފައި. މިއަށްވުރެ ބޮޑު ލޮކްޑައުންއަކަށް ދާނެ ހެނެއް އަޅުގަނޑަށް ހިއެއް ނުވޭ. ބޭރަކުން މީހަކަށް ރާއްޖެއަކަށް ދެން ނާދެވޭނެ. މީގެ 24 ގަޑިއިރު ފަހަކުންނެއް. ރިސޯޓުތަކުގައި ތިބޭ މީހުންނަކަށް އެހެން ރަށްރަށަކަށް ނުދެވޭނެ. އެހެންވީމާ މިވަގުތު މިއޮތީ ލޮކްޑައުންއެއްގައޭ ބުނެވިދާނެ. އެކަމަކު މިވަގުތަކު އެނޫން ގޮތެއް ނެތް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ އެއްވެސް ކަމަކަށް ދަތިވިޔަ ނުދީ ސަރުކާރުން މަސައްކަތްކޮށްދޭނެ ކަމަށާއި އެއީ ކަރަންޓު ކަމަށްވިޔަސް، ފޯނު ކަމަށްވިޔަސް، ކާބޯތަކެތި ކަމަށްވިޔަސް، އަދި ދަތުރުފަތުރުގެ ހިދުމަތް ކަމަށްވިޔަސް އެ މަސައްކަތްކޮށްދޭނެ ކަމަށެވެ.