ޚަބަރު

ކުރިއަށްއޮތް ތިން މަސް ތެރޭ ޑޮލަރުގެ ޝޯޓޭޖެއް ނާންނާނެ: ރައީސް

ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ޑޮލަރުގެ ޝޯޓޭޖެއް ނެތި ކުރިއަށް ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގެ ޖީޑީޕީގެ 80 ޕަސަންޓް ބަރޯސާވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ ބޭރުން ލޯނު ނެގުމަށް ކަމަށެވެ.

"އޭގެ އިތުރުން އަޅުގަނޑުމެންގެ ކަރަންސީ ސްވަޕް އެރޭންޖްމަންޓެއް އެބައިން. އިންޑިއާއިން ދިން 1.4 ބިލިއަން ޑޮލަރުގެ ތެރެއިން 400 މިލިއަނަކީ ކަރަންސީ ސްވަޕަށް އަޅުގަނޑުމެން އެލަކޭޓްކޮށްފައިވާ 400 މިލިއަން. އަޅުގަނޑުމެން އަދި އެ ބޭނުމެއް ނުކުރަން. ބޭނުންވެއްޖެ ހިނދެއްގައި އޭގެ ބޭނުން އަޅުގަނޑު އަޅުގަނޑުމެންނަށް ކުރެވޭނެ. އެހެންވީމާ ޑޮލަރު ޝޯޓޭޖެއް ނެތި ކުރިއަށްއޮތް ތިން ހަތަރު މަސްދުވަސް ގެންދެވޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ އެހާ ދުރަށް ފޯކަސްކޮށްގެން ރާވަން އެނގޭ ވަގުތެއް ނޫން ކަމަށާއި ކޮވިޑް 19ގެ ހާލަތު އައިސްފައިވަނީ އެކަމަށް އެއްވެސް މީހަކަށް ވިސްނާލެވިފައިނުވާ ވަގުތެއްގައި ކަމަށެވެ. އަދި އިމްޕޯޓަށް ބަރޯސާވެފައި އޮތް ގައުމަކަށްވާތީ ރާއްޖެއަށް ދަތި އުނދަގޫޓަކެއް އެބަހުރި ކަމަށާއި އެހެންނަމަވެސް ކުރާ މަސައްކަތުން ޑޮލަރު ޝޯޓޭޖެއް ނެތި އަދި ހިފަހައްޓާލެވޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.