ޚަބަރު

އާންމު ރައްޔިތު މީހާއަށް ވީވަރަކުން އެހީތެރިވުމަށް ވިޔަފާރިވެރިންނަށް ރައީސް އިލްތިމާސްކުރައްވައިފި

އާންމު ރައްޔިތު މީހާއަށް ވީވަރަކުން އެހީތެރިވުމަށް ވިޔަފާރިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވިޔަފާރިތަކަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ވަމުންދާ ކަމަށާއި އެހެންވީމާ އެކަމަށް ހައްލެއް ހޯދައިދެވޭނީ އެންމެން އެކީގައި މަސައްކަތްކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެން މި ޕެކޭޖުގެ ތެރެއިން ދޫކުރާ ލޯނު އެހީ ލުއިގޮތެއްގައި މި ދޫކުރަނީ ވީވަރަކުން ވިޔަފާރިވެރިން ވިޔަފާރިތަކުގައި މަސައްކަތްކުރާ ވަކިނުކުރަން. އަދި ދޭން ޖެހޭ މުސާރަ މަހުން މަހަށް ލިބޭގޮތަށް ހެދުން. އަޅުގަނޑު ލޯނު ދޫކުރާއިރުގައި އެކަމަށް އިސްކަން ވެސް ދޭނަން. އެހެންވީމާ އަޅުގަނޑުގެ އިލްތިމާސްއަކީ ހުރިހާ ވިޔަފާރިވެރިންނަށް ވެސް، މި ދަތި އުނދަގޫ ދަނޑިވަޅުގައި އާންމު ރައްޔިތު މީހާއަށް ވީވަރަކުން އެހީތެރިވެދިނުމަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން އަޅުގަނޑުމެން އެހީތެރިވަމުން އަންނަ ކަމަށާއި މުވައްޒަފުން ނުކަނޑައި، މަހުން މަހަށް މުސާރަ ދިނުމުގައި ވަރަށް ގިނަ ވިޔަފާރިތަކުން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން މިހާރުވެސް ދީފައިވާ ކަމަށެވެ. އަދި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ލިބެންޖެހޭ އޯވާޓައިމް އާއި ޓިޕްސް، ޓުއަރިސްޓުން ނާންނަންޏާ ނުލިބޭނެ ކަމަށާއި އެހެންނަމަވެސް މި ޕެކޭޖުގެ ތެރެއިން އެ މުވައްޒަފުންނަށް ވެސް އަސާސީ މުސާރަ ހަމަޖެއްސޭނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.