ޚަބަރު

ވިޔަފާރިތަކަށް އެހީވުމަށް ބީއެމްއެލުން 308 މިލިއަން ރުފިޔާގެ ލޯނު އެހީ

1

ވިޔަފާރިތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 308 މިލިއަން ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި އަދި އެނޫން ވިޔަފާރިތަކަށް ބީއެމްއެލްގެ އަމިއްލަ ފައިސާއިން 308 މިލިއަން ރުފިޔާ ދޫކުރުމަށް އެ ބޭންކުން ނިންމާފައިވާ ކަމަށާއި ސަރުކާރުން އިތުރު ލޯނުތައް ދޫކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ. އަދި ލޯނުތައް ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

"ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި އަދި އެނޫން ވިޔަފާރިތަކަށް ބީއެމްއެލްގެ އަމިއްލަ ފައިސާއިން 308 މިލިއަން ރުފިޔާ ދޫކުރުމަށް އެ ބޭންކުން ވަނީ ނިންމާފައި. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ދަނޑުވެރިކަމަށް އެސްޑީއެފްސީން މިހާތަނަށް ދޫކޮށްފައިވާ ލޯނުތަކަށް މާޗް މަހުން ފެށިގެން ދައްކަން ޖެހޭ ފައިސާ ވެސް މިހާރު ވަނީ ހަ މަސް ދުވަހަށް ފަސްކޮށްދީފައި. އަދި އިތުރު ލޯނުތައް ދޫކުރުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައި. އަދި އެ ހަ މަސް ދުވަހުގެ އިންޓަރެސްޓު ވެސް މިހާރު ވަނީ ހަތަރު އިންސައްތައަށް ކުޑަކޮށްދީފައި. އޭގެ އިތުރުން އެޗްޑީއެފްސީން ދޫކޮށްފައިވާ ހައުސިން ސްކީމުގެ ލޯނުތައް މާޗް މަހުން ފެށިގެން ދައްކަން ޖެހޭ ފައިސާ ވެސް މިހާރު ވަނީ ހަ މަސް ދުވަހަށް ފަސްކޮށްދީފައި،" އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ބީއެމްއެލް އިން މިހާތަނަށް ދޫކޮށްފައި ހުރި ލޯނުތައް އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ލަސްކޮށްދިނުމަށާއި، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަށް ހަ މަސް ދުވަސް އިތުރުކޮށްދޭން ނިންމާފައިވާ ކަމަށާއި މާނައަކީ ތިން އަހަރަށް ދޫކޮށްފައި އޮތް ލޯނެއް ކަމުގައިވަންޏާ، އިތުރު ހަ މަސް ދުވަސް ލޯނު އަނބުރާ ދެއްކުމަށް އިތުރުކޮށްދެވޭނެ ކަމަށެވެ.

"އަދި މި ދެންނެވިހެން ފުރަތަމަ ހަ މަސް ދުވަހުގައި ލޯނަށް ދައްކަންޖެހޭ ފައިސާ ދައްކާކަށް ނުޖެހޭނެ. އަދި ފުރަތަމަ ހަ މަސް ދުވަހަށްފަހު ލޯނަށް ފައިސާ ދައްކަން ފަށާއިރު މަހުން މަހަށް ދައްކަންޖެހޭ ފައިސާ، އިތުރު ހަ މަސް ދުވަހަށް 20 އިންސައްތައިން ކުޑަކޮށްދިނުމަށް ވެސް ބޭންކުން ވަނީ ނިންމާފައި. މާނައަކީ ހަ މަސް ދުވަހަށްފަހު ލޯނު ދައްކަން ފަށާއިރުގައި ވެސް އޭގެން 20 ޕަސަންޓު އުނިކުރާ ވާހަކަ. 100 ރުފިޔާ ދައްކަން ޖެހޭ ކަމަށްވަންޏާ، ދައްކަންޖެހޭނީ 80 ރުފިޔާ." އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟