ޚަބަރު

ރާއްޖޭގައި ތިބި ޔޫރަޕްގެ ހުރިހާ ޓޫރިސްޓުން ގެންދެވިއްޖެ ކަމަށް އީޔޫން ބުނެފި

އައިދާ އަބްދުލް ހަކީމް

ރާއްޖޭގައި ތިބި ޔޫރަޕުގެ ހުރިހާ ފަތުރުވެރިން އެމީހުންގެ ގައުމަށް އަނބުރާ ގެންގޮސްފައިވާ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ބުނެފިއެވެ.

އީޔޫ އެކްސްޓަނާލް އެކްޝަން އިން ބުނެފައިވަނީ މިމަސައްކަތުން ރާއްޖެއާއި އީޔޫއާ ދެމެދުގައި އޮތް ގުޅުން ރަނގަޅުކަން އަންގައިދޭ ކަމަށާއި އީޔޫގެ ޑެލިގޭޝަނެއް ނުވަތަ އެމްބަސީއެއް ރާއްޖޭގައި ނެތިވެސް މުވާސަލާތު ކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށް އީޔޫން ބުނެއެވެ.

އީޔޫއން ބުނީ ކޮވިޑް 19 އާ ގުޅިގެން ރާއްޖެއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެއިރު ރާއްޖޭގައި 34،000 ޓޫރިސްޓުން ތިބި ކަމަށާއި އޭގެތެރޭގައި ގިނައީ ޔޫރަޕްގެ ފަތުރުވެރިން ކަމަށް ވެސް އީޔޫން ބުނެއެވެ. ރާއްޖެއިން ކޮވިޑް 19 އަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން އިތުރު ޓޫރިސްޓުންނަށް އެބަލި ޖެހުން ކޮންޓްރޯލްވި ކަންވެސް އީޔޫން ވަނީ ފާހަގަ ކޮށްފައެވެ.

ޔޫރަޕް ފަތުރުވެރިން އަނބުރާ ގައުމަށް ގެންދިޔުމަށް އަވަސް ފިޔަވަޅުތަކެއް އެޅި ކަމަށާއި އެ މަސައްކަތްތައް ކުރުމުގައި މާލޭގައި ހުރި ޔޫކޭގެ ހައި ކޮމިޝަނުން ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައިވާ ކަމަށް ވެސް އީޔޫން ވަނީ ބުނެފައެވެ.

އީޔޫން ބުނީ މިމަސައްކަތް ކާމިޔާބު ކަމާއި އެކު ކުރިއަށް ގެންދިއުމަށް ރާއްޖޭގެ ސަރުކާރުން ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާ ކަމަށެވެ. އަދި ކޮވިޑް 19 ގެ އެންމެ ފަހުގެ މައުލޫމާތު ވަގުތުން ވަގުތަށް ދިވެހި ސަރުކާރުން ފޯރުކޮށްދީފައިވާތީ އީޔޫން ވަނީ ދިވެހި ސަރުކާރަށް ޝުކުރު އަދާކޮށްފައެވެ.