ދަ ޕްރިންސް އޮފް ވޭލްސް އަދި ރާނީ އެލިޒަބަތު ތިނެއްގެ ފިރިހެންދަރިކަލުން ޕްރިންސް ޗާލްސް ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
ޝާހީ ގަނޑުވަރުން ދާދި ދެންމެ އާންމުކުރި ގޮތުގައި 71 އަހަރުފުޅުގެ ޕްރިންސް ޗާލްސް ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް، ހަށިކޮޅުން ބަލީގެ އަލާމާތްތައް އަދި ފެންނަނީ ވަރަށް ކުޑަކޮށެވެ. އަދި ހާލުކޮޅު ރަނގަޅު ކަމަށް ވެސް ގަނޑުވަރުން ބުނެ އެވެ.
ޕްރިންސް ޗާލްސްގެ އަނބިކަބަލުން ޑަޗަސް އޮފް ކޯންވިލް ވެސް ޓެސްޓު ކުރައްވާފައިވާ ކަމަށާއި އެކަމަނާގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމުގައި ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. އަދި މިވަގުތު ޕްރިންސްޗާލްސްގެ ދެމަފިރިކަނބަލުންވެސް ތިއްބެވީ ސްކޮޓްލޭންޑުގެ ގަނޑުވަރުގައި ސެލްފް އައިސޮލޭޝަނުގައި ކަމަށް ވިދާޅުވިއެވެ.
ޕްރިންސް ޗާލްސްއަށް ކޮވިޑް19 ޖެހިވަޑައިގެންނެވީ ކިހިނެއްކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ގަނޑުވަރުން ބުނެއެވެ.
ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރިންސް ޗާލްސް ވަނީ މޮނަކޯގެ ޕްރިންސް އެލްބާޓާ މިމަހު ކުރީކޮޅު ބައްދަލު ކުރައްވާފައެވެ. ޕްރިންސް އެލްބާޓް ކޮވިޑް19އަށް ޕޮޒިޓިވްވިކަން މީގެ ދުވަސްކޮޅެއް ކުރިން ވަނީ އާންމުކުރައްވާފައެވެ.