ޚަބަރު

ރައީސް ސޯލިހު މުލިއާގެއަށް ބަދަލުވެވަޑައިގެންފި

އަހުމަދު ޖައިޝަން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދިރިއުޅުއްވުން މުލިއާގެއަށް ބަދަލުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން ހޫދް އިބްރާހީމް "ވަން އޮންލައިން" އަށް ވިދާޅުވީ ރައީސް ސޯލިހު މުލިއާގެއަށް ބަދަލުވެވަޑައިގެންފައި ވަނީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށެވެ.

ރައީސް ސޯލިހުގެ ރަސްމީ މުލިއާގެއަށް މިއަދު ބަދަލުވެވަޑައިގެންފައިވާއިރު ނައިބު ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވަން ހަމަޖައްސަވައިފައި އޮތީ ހިލާލީގެ އަށެވެ. އެހެން ނަމަވެސް އެމަނިކުފާނު އަދި ހިލާލީގެއަށް ބަދަލުވެވަޑައެއް ނުގަންނަވަ އެވެ.

ހޫދް ވިދާޅުވީ ނައިބު ރައީސް ރަސްމީ ގެކޮޅަށް ބަދަލުވެވަޑައިގަންނަވާނެ ދުވަހެއް އަދި އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ރައީސް ދިރިއުޅުއްވާ ރަސްމީގެކޮޅަކީ މުލިއާގެ ކަމަށް އަދި ނައިބު ރައީސްގެ ރަސްމީ ގެކޮޅަކީ ހިލާލީގެ ކަމުގައި ހަމަޖައްސަވާފައި ވަނީ މިމަހުގެ 17 ގައެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެރިކަމުގެ ފަހުކޮޅު މުލިއާގެ ބޭނުންކޮށްފައި ވަނީ މެޑަމް ފާތުމަތު އިބްރާހީމްގެ ކެމްޕޭން ހަރަކާތްތަކަށެވެ.