ޚަބަރު

މިއީ އެންމެ މީހެއްގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިދާނެފަދަ ދަނޑިވަޅެއް: އިމްރާން

އިބްރާހިމް ޒަކީ

ކޮވިޑް 19 ފެތުރެމުންދާ މި ދަނޑިވަޅަކީ އެންމެ މީހެއްގެ ފަރުދީ ޒިންމާއަށް ފަރުވާކުޑަކުރުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅި، މުޅި ގައުމަށް އޭގެ ގެއްލުން އިންތިހާއަށް މެދުވެރިވެދާނެފަދަ ވަގުތެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ، މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ނުރައްކާތެރި ކޮވިޑް 19ގެ ބަލިމަޑުކަމާ ދެކޮޅަށް ރާއްޖެއިން ވެސް އުދަނގޫ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވެފައިވާ ކަމަށެވެ. އަދި އާންމު ސިއްހަތަށް ނުރައްކާވާ މިންވަރު ކުޑަކުރުމަށްޓަކައި އަޅާފިޔަވަޅުތަކާ ގުޅިގެން އިގުތިސާދު ހީނަރުވެ އާންމު ދިރިއުޅުން މަޑުޖެހެމުންދާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން މިވަގުތަކީ ކޮންމެ މީހަކު ވެސް އެމީހެއްގެ ގައުމީ ވާޖިބު އަދާކޮށް ފަރުދީ ޒިންމާ ފުރިހަމަކުރަންވީ ވަގުތުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، ޝަހީދުންގެ ދުވަސް ހަނދާން ކޮށްދެނީ މިއަދު ކުރިމަތިވެފައިވާ ނުރައްކާތަކުން މިންޖުވުމަށްޓަކައި މުޖުތަމައުގެ ހުރިހާ ފަރުދުން ސަރުކާރާ ގުޅިގެން މަސައްކަތްކޮށް، ސަރުކާރުގެ ލަފަޔާއި އިރުޝާދަށް ފުރިހަމަޔަށް އަމަލުކުރަންޖެހޭކަން ކަމުގައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ޝަހީދު އަލިރަސްގެފާނުގެ ޖިހާދުން ދިވެހިންނަށް އުނގަންނައިދޭ އަނެއް ފިލާވަޅަކީ ކިތަންމެ ބައިމަދު ކަމުގައިވިޔަސް ނުވަތަ ތިމާ އެކަނި ހުންނަން ޖެހުނު ކަމުގައިވިޔަސް ހައްގުގޮތުގައި ސާބިތުވެހުރެ ތިމާގެ ވަތަނަށް ހިދުމަތްކުރުން މަތީ ދެމިހުންނަންޖެހޭކަން ކަމަށެވެ. އަދި ތިމާއާއި ހަވާލުކުރެވިފައިވާ މައްސޫލިއްޔަތުގެ ޒިންމާ ފުރިހަމަ ގޮތުގައި އުފުލަން ޖެހުން ކަމަށް ވެސް ވިދާޅުވިއެވެ.

'ހަމަ އެހެންމެ، ޝަހީދުންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދޭ އަނެއްކަމަކީ ޤައުމުގެ ހަމަޖެހުމާއި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަމާއި ރައްޔިތުންގެ މަސްލަހަތާއި ރައްކާތެރިކަމަކީ ހަމައެކަނި ވެރިކަމުގެ ފަރާތުން ކުރާ މަސައްކަތުން ހާސިލުކުރެވޭނެ ކަންކަމެއް ނޫންކަން،" މިނިސްޓަރުގެ ހިތާބުގައި ވިދާޅުވިއެވެ.