މިޔަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ގެއްލެމުންދާ މައްސަލައަކީ ދިވެހިރާއްޖެއިން އަބަދުވެސް ކަންބޮޑުވުން ފާޅުކޮށް ވަކާލާތު ކުރަމުން އަންނަ މައްސަލައެއް ކަމަށާއި، މިމައްސަލައަށް ރާއްޖެއިން ތަދައްހުލުވީ އެ މަސައްކަތުގައި އިތުރަށް އަމަލީ ގޮތުން ބައިވެރިވުމަށް ކަމަށް މިނިސްޓާ އޮފް ފޮރިން އެފެއަޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފޮރިިން މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ، ގެމްބިއާގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް، އިންޓަނޭޝަނަލް ކޯޕަރޭޝަން އެންޑް ގެމްބިއަންސް އެބްރޯޑް ހިޒް އެކްސެލެންސީ ޑރ. މަމަޑޫ ޓަންގާރާ އަށް ފޯނުން ގުޅުއްވައި، ކުރެއްވި މަޝްވަރާގައެވެ.
މި މަޝްވަރާގައި އޯގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ)ގެ ފަރާތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)އަށް ގެމްބިއާ އިން ހުށަހެޅި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައިދިނުމުގެ މައްސަލައަށް ރާއްޖެއިން ތަދައްހުލްވުމަށް ނިންމަވާފައިވާ ނިންމުމުގެ މައްޗަށް މިނިސްޓާ ޝާހިދު ވަނީ އަލިއަޅުވާލައްފައިވައެވެ.
މިނިސްޓަރު ވިދާޅުވީ، މި މައްސަލައަކީ މުހިއްމު މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށެވެ. މިމައްސަލައިގައި ގެމްބިއާއާ އެކު ރާއްޖެއިން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށް މިނިސްޓާ ޝާހިދު ވިދާޅުވިއެވެ. އަދި މިމައްސަލައިގައި ރާއްޖެއިން ކުރިއަށްގެންދާ ހުރިހާ މަސައްކަތެއް ކުރިއަށް ގެންދިޔުމުގައި ވެސް ގެމްބިއާގެ މަޝްވަރާއާއި އިރުޝާދު ހޯއްދަވަމުން ގެންދަވާނެކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ޝާހިދު އެރުވިއެވެ.
މީގެ އިތުރުން ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންގެ ހައްގުތައް ހޯދައިދިނުމަށް ގެމްބިއާ ސަރުކާރާއި އޯ.އައި.ސީއިން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި، އެކަމަށް މިނިސްޓަރު ޝާހިދު ވަނީ ހިތްވަރު ދެއްވައިފައެވެ.