މިންހާ ފާއިޒް ރަޝާދު
ކޮވިޑް19 އިން ރައްކާތެރިވުމަށް މެންޗެސްޓާ ސިޓީގެ މެނޭޖަރު ޕެޕް ގުއާޑިއޯލާ އެއް މިލިއަން ޔޫރޯ ސްޕެއިނަށް ހަދިޔާ ކޮށްފިއެވެ.
ސްޕެއިންގެ ބާސެލޯނާއަށް ނިސްބަތްވާ ގުއާޑިއޯލާ ފާއިތުވި ހަފުތާއެއްހާ ދުވަހު ލޯޔަރުންނާއެކު މަސައްކަތް ކުރީ އޭނާ ހަދިޔާ ކުރާ ފައިސާއިން އެންމެ ރަނގަޅު ގޮތުގައި ބޭނުންކުރެވޭނެ ގޮތަކަށް އެކަން ކުރުމުގެ މަޝްވަރާތަކުގައި ކަމަށް ރިޕޯޓުތައް ބުނެނެއެވެ.
މިހާރު ނިންމާފައިވަނީ ބާސެލޯނާގެ މެޑިކަލް ކޮލެޖުން ކުރިއަށް ގެންދާ ކޮވިޑް19 އަށް ހޭލުންތެރިކުރާ ކެމްޕެއިނަށާއި އެންޖެލް ސޯލާ ޑެނިއަލް ފައުންޑޭޝަނަށް އެފައިސާ ހަދިޔާ ކުރުމަށެވެ. އަދި ހޮސްޕިޓަލުގެ މުވައްޒަފުންނަށް ބޭނުންވާ ބޭސްފަރުވާއާއި ގުޅޭ ސާމާނާއި ރައްކާތެރިކަމުގެ ސާމާނު ގަތުމަށް ބޭނުން ކުރުމަށެވެ.
ޔޫރަޕުގައި އިޓަލީއަށްފަހު އެންމެ ބޮޑަށް މި ބަލި ފެތުރިފައިވަނީ ސްޕެއިނުގައެވެ. އިއްޔެއާ ހަމައަށް އެގައުމުގައި 40000 މީހުން ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާއިރު 2696 މީހުން ވަނީ މަރުވެފައެވެ.
ލައިނޮލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ވަނީ ކޮވިޑް19 އިން ރައްކާތެރިވުމަށް މި ހަފުތާތެރޭގައި އެއް މިލިއަން ޔޫރޯ ހަދިޔާ ކޮށްފައެވެ.
މެސީ އެއް މިލިއަން ޔޫރޯ ހަދިޔާ ކުރީ ދެ ހޮސްޕިޓަލަކަށެވެ. އެއީ ބާސެލޯނާގެ ހޮސްޕިޓަލަކަށާއި އޭނާގެ އުފަން ރަށް އާޖެންޓީނާގެ ހޮސްޕިޓަލަކަށެވެ.
ރޮނާލްޑޯގެ އެހީ ދިނީ ލިސްބަން އަދި ޕޯޓޯގައި ހުރި ތިން އިންޓެންސިވް ކެއާ ޔުނިޓަކަށެވެ.