ޚަބަރު

އިންޓަނެޓުގެ އަގުގެ މައްސަލައިގައި ސުވާލުކުރުމަށް ކޮމިއުނިކޭޝަން އޮތޯރިޓީގެ އިސްވެރިން ކޮމިޓީއަށް

އަލީ ޔާމިން

އިންޓަނެޓުގެ އަގުގެ މައްސަލައިގައި ކޮމިއުނިކޭޝަން އޮތޯރިޓީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ހުށަހަޅުއްވައިފިއެވެ.

މީކާއިލް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މީކާއިލް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ކޮވިޑް 19 ފެތުރޭ މި ދަނޑިވަޅަކީ ގިނަ ރައްޔިތުންތަކެއް ގޭގައި ތިބެގެން ވަޒީފާ އަދާކުރަން މަޖުބޫރުވެ ދަރިވަރުންވެސް އެމީހުންގެ އުނގެނުމުގެ ކަންކަން ގޭގައި ކުރަން މަޖުބޫރުވެފައިވާ ދަނޑިވަޅެއް ކަމަށާއި އެހެންކަމުން މުއާސަލާތީ ހިދުމަތުގެ ތެރެއިން އިންޓަނެޓު ޒަރޫރީ ހިދުމަތަކަށް ވެފައިވާ ކަމަށެވެ.

ނަމަވެސް މި ދަނޑިވަޅުގައިވެސް ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އެކަށީގެންވާ ލުޔެއް ރައްޔިތުންނަށް ފޯރުކޮށްދީފައިނުވާކަން މީކާއިލް ފާހަގަކުރައްވާފައިވެއެވެ.

މުއާސަލާތީ ހިދުމަތްދޭ ކުންފުނިތައް ރެގިއުލޭޓް ކުރުމުގެ ބާރާއި ހިދުމަތުގެ އަގުތައް ކޮންޓްރޯލްކޮށް އެ އަގުތައް ފާސްކުރުމުގެ ބާރު ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނުގެ 17 ވަނަ މާއްދާގެ (އ) އާއި އެ މާއްދާގެ ދަށުން ހެދިފައިވާ ގަވައިދުގެ 38 ވަނަ މާއްދާއިން ލިބިފައިވާއިރުވެސް އަމިއްލަ އިސްނެގުމާއެކު ހާލަތަަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ލުޔެއް ހޯދައިދިނުމަށް އެ އޮތޯރިޓީން އެއްވެސް ފިޔަވަޅެއް އަޅައިފައި ނުވާ ކަމަށް މީކާއިލް ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން، އެ އޮތޯރިޓީގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރަމުން ނުދަނީ ކީއްވެތޯ ސާފުކުރުމަށް އޮތޯރިޓީގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރުމަށް މީކާއިލް ވަނީ އެދިވަޑައިގެންފައެވެ.

އިންޓަނެޓްގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެފުޅެކެވެ. އެއީ 2023 ވަނަ އަހަރު ފުއްދުމަށް ނިންމާފައިވާ ވައުދެކެވެ.

ކޮވިޑް 19އާ ގުޅިގެން ވީހާވެސް ގިނައިން ގޭގައި ތިބުމަށް ސިއްހީ މާހިރުން ލަފާއަރުވަމުން އަންނައިރު ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަނީ އިންޓަނެޓް ހިލޭކޮށްދީފައެވެ.