އަލީ ޔާމިން
ކޮވިޑް 19 ހަލުވިކަމާއެކު ފެތުރެމުންދާތީ ސްރީލަންކާގެ ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށްފައިވާތީ އެގައުމުގައި ދިރިއުޅޭ ދިވެހިންނާއި އެގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ކޮވިޑް 19އާ ގުޅިގެން ސްރީލަންކާގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ވަކި ގޮތެއް އަންގަންދެން ހުރިހާ ކެޓެގަރީއެއްގެ ވިސާ ދޫކުރުން މަނާކުރުމާއި، އެއްވެސް ކެޓެގަރީއެއްގެ ވިސާ (އިލެކްޓްރޯނިކް ޓްރެވަލް އޯތަރައިޒޭޝަން މެދުވެރިކޮށް ލިބިފައިވާ ވިސާ، ސްރީލަންކާގެ ރެޒިޑެންޓް ވިސާ، އެންޓްރީ ވިސާ، ލޭންޑިންގް އެންޑޯސްމެންޓް އަދި މަލްޓިޕްލް އެންޓްރީ ވިސާ) ލިބިފައި ހުއްޓަސް، މިހާތަނަށް މިއިން އެއްވެސް ވިސާއެއް ބޭނުންކޮށްގެން އެގައުމަށް ދަތުރު ކޮށްފައި ނުވާނަމަ، މި ވިސާތައްވެސް 31 މާރިޗު 2020 ގެ ރޭގަނޑު ސްރީލަންކާ ގަޑިން 23:59 އާ ހަމައަށް ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ކޮލޮމްބޯ، ގަމްޕަހާ އަދި ކަލުތަރަގައި ވަކި ގޮތެއް އަންގަންދެން ކާފިއުއެއް ހިންގުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމުގައިވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މިދުވަސްތަކުގެ ތެރޭގައި ލަންކާއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، އެގައުމަށް ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދޭ ކަމަށެވެ. އަދި ލަންކާގައި ދިރިއުޅެމުން އަންނަ ދިވެހި ރައްޔިތުން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން، ފޮރިން މިނިސްޓްރީގެ އިތުރުން އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓްރީ ކުރުމަށްވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކުރަމެވެ.
ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް، މުހިންމު ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.