ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އަދި މިހާރު ރާއްޖެއިން ވެސް ފެނިފައިވާ ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ފުލުހުންނަށް އޮންލައިންކޮށް މައްސަލަ ހުށަހެޅުމަށް ޕޯޓަލެއް ތައާރަފުކޮށްފިއެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ބުނީ ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެމަޖެންސީ މައްސަލަތައް ނޫން އެހެން މައްސަލަތައް އޮންލައިންކޮށް ހުށަހެޅުމަށް ޕޯޓަލެއް ތައާރަފުކޮށްފައިވާ ކަމަށެވެ.
އެ ޕޯޓަލަކީ އެމަޖެންސީ ނޫން ހާލަތްތަކުގައި މައްސަލަ ހުށަހެޅުމަށް ބޭނުންކުރެވޭނެ ޕޯޓަލެއް ކަމަށާއި އެހެންކަމުން ހުށަހަޅާ މައްސަލައަށް ވަގުތުން ވަގުތަށް ޖަވާބު ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އެމަޖެންސީ ހާލަތެއް ނަމަ، 199 އަށް ގުޅުމަށް ފުލުހުން އެދެއެވެ.
ފުލުހުން ބުނީ އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ފޯމު ޕްރޮސެސްކުރެވުމުން، ދީފައިވާ މޯބައިލް ނަންބަރަށް އެސްއެމްއެސްއަށް ލިބޭނެ ކަމަށާއި ގުޅޭނެ ރަނގަޅު މޯބައިލް ފޯނު ނަންބަރާއި އީމެއިލް އަދި އެޑްރެސްގެ މައުލޫމާތު ފޯރުކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި ހުށަހަޅާ މައްސަލައާ ގުޅޭގޮތުން އެ ސާވިސްގެ ފަރާތުން އިތުރު މައުލޫމާތު ހޯދުމަށް ބޭނުންވާނަމަ، އިންވެސްޓިގޭޓިވް އޮފިސަރު ގުޅާނެ ކަމަށާއި ޕޯޓަލް މެދުވެރިކޮށް https://www.police.gov.mv/crimereport/ އިން މައްސަލަ ހުށަހެޅޭނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ކޮށްފައިވާ އިރު، މާލެ ސަރަހައްދުގެ ޕާކްތަކާއި މައިޒާންތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ސިނަމާތައް ވަނީ ބަންދުކޮށްފައެވެ. އަދި މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުންވެސް ވަނީ ވަގުތީގޮތުން ހުއްޓާލައިފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައިވާ އިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.