ޚަބަރު

މެޑިކަލް ޓީމުން ތައްޔާރުވަމުންދަނީ ހާލަތު އެންމެ ގޯސްވެދާނެ ދަނޑިވަޅަށް ވެސް ވިސްނައިގެން: ޑރ ޝަހީދު

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19ގެ މެޑިކަލް ޓީމުން ތައްޔާރުވަމުންދަނީ ހާލަތު އެންމެ ގޯސްވެދާނެ ދަނޑިވަޅަށް ވެސް ބަލައިގެން ކަމަށް އެޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ސިޓީ ކައުންސިލާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީދު ވިދާޅުވީ، މިދިޔަ ހަފްތާގައި ހެދި ކޮވިޑް 19 ޓެސްޓުތަކުން އެއްވެސް މީހަކު ޕޮޒިޓިވް ވެފައިނުވި ނަމަވެސް އެންމެން ވެސް ތައްޔާރުވެ ތިބެންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ވެސް މިތައްޔާރުވަނީ ވޯސްޓް ކޭސް ސިނާރިއޯ އަކަށް. ދެން އިރާދުކުރެއްވިޔާ މިދިޔަ ހަފްތާގައި ހެދި ޓެސްޓުތަކުން އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވޭ. އެކަމަކު ވެސް އަޅުގަނޑު އެންމެން ވެސް ތައްޔާރުވެ ތިބެން މިޖެހެނީ އެހެން ގައުމުތަކުގެ ސިނާރިއޯ އަށް ބެލި ނަމަވެސް ކަންތައްތައް ހިނގާފަ އޮތް ގޮތް އަޅުގަނޑުމެން އެންމެންނަށް ވެސް އެބަ އެނގޭ. އެހެންވީމަ އެހާލަތަކަށް ތައްޔާރުވެ ތިބެން އެބަޖެހޭ،" ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑޮކްޓަރު ވިދާޅުވީ މުޖުތަމައު ތެރޭގައި ވަރަށް ބޮޑަށް މި ވައިރަސް ފެތުރިދާނެ ހާލަތެއްގައި ކަންތައްތައް ކުރާނެ ގޮތް ވިލަރެސްކޮށް ނުވަތަ އެއަށް ތައްޔާރު ވަނީ މަލްޓި އެޖެންސީ ނުވަތަ ގިނަ އިދާރާތަކެއް އެކުލެވޭ ވޯކްފޯސް އަކުން ކަމަށެވެ. އެގޮތުން ސިއްހީ ގޮތުން ވެސް ބައެއް ތައްޔާރީތައް ވަމުންދާ ކަމަށެވެ.

އެގޮތުން ދާއިމީ ބަލިތައް ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ކުއްލިއަކަށް ބަލިވާ މީހުންނާއި އެހެނިހެން ސިއްހީ ހިދުމަތްތައް ބޭނުންވާ މީހުންނަށް ސިއްހީ ހިދުމަތް އެ ސެންޓަރުތަކުން ދޭނެ ގޮތް އެ ވޯކްފޯސް އިން ރާވަމުންދާ ކަމަށް ވިދާޅުވިއެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވީ، ބަލި ވަރަށް ބޮޑަށް ފެތުރިއްޖެ ހާލަތެއްގައި ސިއްހީ ހިދުމަތްދޭ މައި މަރުކަޒުތަކުގައި ހުރިހާ އެންމެންނަށް ހިދުމަތް ދޭން ދަތިވެއްޖެ ހާލަތުގައި މާލޭގައި ސިއްހީ ހިދުމަތް ވެސް ދޭނީ ލާމަރުކަޒީކޮށް ކަމަށެވެ.