ޚަބަރު

ނޭޕާލުގައި ތާށިވެފައި ތިބި ދިވެހި 17 ދަރިވަރުންގެ ހާލު ރަނގަޅު: ސަރުކާރު

އަލީ ޔާމިން

ނޭޕާލުގައި ތާށިވެފައި ތިބި ދިވެހި 17 ދަރިވަރުންގެ ހާލު ރަނގަޅުކަމަށް ސަރުކާރުން ބުނެފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ، ސަރުކާރުން ބޭނުންވެގެން ރާއްޖެ ގެންނަން އުޅުނު 17 ދަރިވަރުން ރާއްޖެއަށް ނުގެނެވުނީ އެ ދަރިވަރުން ރާއްޖެ އައުމަށް ހަމަޖެހިފައި އޮތް ފްލައިޓް ކެންސަލްވުމުން ކަމަށެވެ.

"އަޅުގަނޑުމެން ރާއްޖެއަށް ގެންނަން ބޭނުންވެގެން އެކުދިން ދަތުރުކުރަމުން އައީ، އެއާޕޯޓަށް އާދެވުމުގެ ކުރިން އެ ފްލައިޓް ކެންސަލްވެފަ އޮތީ. ދެން ކެންސަލްވުމާއެކު އެއާޕޯޓުގައި މަޑުކުރަން ޖެހުނު ސަބަބަކީ އަނބުރާ ދާން އޮތް ސިޓީއަށް ދެވެން ނެތީ އެގައުމުގެ ހާލަތަށް އައި ބަދަލާ ގުޅިގެން. މި ކުދިން މިހާރު ތިބީ އެއާޕޯޓް ކައިރީގައި ހުންނަ ހޮޓަލެއްގައި އެކުދިންގެ ހާލު ސަރުކާރުން ބަލަމުން އެބަދޭ. އެކުދިންގެ ހާލު ރަނގަޅު،" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ސިއްހީ ދާއިރާއިން ކިޔަވަމުން ގެންދާ ދަރިވަރުންގެ ތެރެއިން މިހާލަތުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިވާން އާދެވޭނެ ދަރިވަރުން އެކަން އެންގުމަށް ހެލްތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ނޭޕާލުގައި ތިބި އިތުރު ބައެއް ދަރިވަރުން މިހާރުވެސް ވަނީ ރާއްޖެ އައިސްފައެވެ.

ކޮވިޑް 19އާ ގުޅިގެން ނޭޕާލް ވަނީ ލޮކްޑައުންކޮށް، އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.