އަލީ ޔާމިން
ސަރުކާރު އޮތީ އެންމެ ފަހު ރުފިޔާއާ ޖެހެންދެން ވެސް ރައްޔިތުންގެ ސަލާމަތަށް ހޭދަކުރަން ކަމަށް ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19ގެ މައުލޫމާތުދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ހާލަތަށް ބަލައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް ސަރުކާރުން އަޅާނެ ކަމަށާއި އެކަމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.
މަބްރޫކް ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންގެ ސިއްހަތަށް ކަމަށާއި ދައުލަތުގެ އެންމެ ފަހު ރުފިޔާއާ ޖެހެންދެންވެސް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ހޭދަކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ބުނާ ވާހަކައަކީ އަޅުގަނޑުމެން މިތިބީ އެންމެ ފަހު ރުފިޔާއާ ޖެހެންދެން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ހޭދަކުރުމަށޭ. އެނޫން ވިސްނުމެއް ސަރުކާރުގައެއް ނެތް. އަޅުގަނޑުމެން މިއުޅެނީ ރާއްޖެއަށް އެހެން ގޮތަކުން ލާރިތަކެއް ވަދެ އެހެނެއް ނޫން. އަޅުގަނޑުމެންގެ ފުޑް ސެކިއުރިޓީއަށް ވިސްނަން ޖެހޭ، މިކަމެއް ނުކުރެވޭނެ ގައުމު ހުއްޓިގެން. މިކަމުގައި އެންމެ ބޮޑު ޕްރިއޯރިޓީއެއް ދެނީ ޕަބްލިކް ހެލްތަށް،" މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، ރާއްޖެއަކީ އިމްޕޯޓް ކުރާ މުދަލަށް ބަރޯސާވާ ގައުމެއް ކަމަށާއި އެހެންކަމުން ރާއްޖެ ހިނގަން ޖެހޭ ކަމަށެވެ. އަދި އެ ސަބަބަށްޓަކައި އެއްކޮށް ހުއްޓާލެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް 13 މީހަކަށް ކޮވިޑް 19 ޖެހިފައިވެއެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ފަރުވާ ދީގެން ރަނގަޅު ކުރެވިފައެވެ.