ކޮވިޑް 19ގެ އަލާމާތްތައް ފެނިގެން ރަޝިއާ އިން ޓެސްޓުކުރި ދިވެހި ތިން ދަރިވަރުންގެ ނަތީޖާ ނެގަޓިވް ކަމަށާއި އޭގެ ތެރެއިން ދެ ކުއްޖެއްގެ ނަތީޖާ ޑަބަލް ނެގަޓިވްވެފައިވާ ކަމަށް ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ރަޝިއާގައި ކަރަންޓީނުކުރި ތިން ދަރިވަރުންގެ ތެރެއިން ދެ ދަރިވަރެއްގެ ނަތީޖާ މީގެ ކުރިން ވެސް ވަނީ ނެގަޓިވްވެފައެވެ.
"ރަޝިއާ އިން ޓެސްޓުކުރި ތިންވަނަ ކުއްޖާގެ ނަތީޖާ މިހާރު ވަނީ ލިބިފައި. އެކުއްޖާގެ ނަތީޖާއަކީ ނެގަޓިވް. އަދި ކުރިން ނެގަޓިވް ނަތީޖާ ލިބިފައި ތިބި ކުދިންގެ ޑަބަލް ނެގެޓިވް ނަތީޖާ ވެސް މިހާރު ވަނީ ލިބިފައި. ބޭރުގައި ކޮވިޑް 19އަށް ޕޮޒިޓިވްވި ކުއްޖަކު އަދި ނެތް،" މަބްރޫކު ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ދިވެއްސަކަށް އެ ބަލި ޖެހިފައެއް ނުވެއެވެ.