ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި މީހަކު ފެނިގެން ސަފާރީއެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19އާ ގުޅޭ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ މާހާ ސަފާރީ ނަމަކަށް ކިޔާ އެ ސަފާރީ މިވަގުތު އޮތީ ހުޅުމާލެ ކައިރީގައި ކަމަށެވެ.
"މީގެ އިތުރުން މިއަދު މިވަނީ މާހާ ސަފާރީ ނަމަކަށް ކިޔާ ސަފާރީ ބޯޓެއް މޮނީޓަރިންގެ ހާލަތަށް ގެނެވިފައި. އޭގެ ތެރޭގައި ހުރި އެކަކު ސިމްޕްޓަމެޓިކްވެގެން. އެ ބޯޓުގައި މިވަގުތު ތިބީ ތިން ބިދޭސީންނާއި ދެ ދިވެހިން،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އެ ސަފާރީގެ އިތުރުން މިވަގުތު މޮނީޓަރިންގެ ހާލަތުގައި ރިސޯޓަކާއި ދެ ސަފާރީ އެބައޮތް ކަމަށާއި އެއީ ރީތި ބީޗް ރިސޯޓާއި އައިލެންޑް ސަފާރީ އަދި އީކުއޭޓާ ސަފާރީ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ދިވެއްސަކަށް އެ ބަލި ޖެހިފައެއް ނުވެއެވެ.