ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައެޅި ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ހަބަރު ގެނެސްދީފައިވާ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
"މިއަދު އަޅުގަނޑުމެންނަށް ސޯޝަލް މީޑިއާއިންނާއި ވަކި ނޫސްތަކަކުން ޖަހައިފައި އޮތް ތަން އެބަ ފެނޭ ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ނިންމާފައިވެއޭ. އެއީ ކަނޑައެޅިގެން ދޮގެއް. އަޅުގަނޑުމެން ކޮންމެ ދުވަހެއްގެ ހާލަތު މިދަނީ ބަލަމުން،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ވީ އެންމެ ރަނގަޅަކަށް ސަރުކާރުން އަޅަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން އެއްވެސް ނިންމުމެއް ނިންމާފައިނުވާ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ހަބަރު ގެނައުމުން އުފެދޭ ހާސްކަމާއި ބިރުވެރިކަމަކީ ކުޑަކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން 13 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ދިވެއްސަކަށް އެ ބަލި ޖެހިފައެއް ނުވެއެވެ.