ޚަބަރު

ކޮވިޑް 19 : ޗަމްޕާގެ ހުރިހާ ރިސޯޓެއް ބަންދުކުރަނީ

އަލީ ޔާމިން

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގުތިސާދު ހީނަރުވެ ފަތުރުވެރިކަމަށް ބޮޑު ގެއްލުމެއް ލިބެމުންދާތީ ކްރައުން އެންޑް ޗަމްޕާ ގްރޫޕުގެ ދަށުން ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓުތައް އަންނަ މަހުގެ 15 ވަނަ ދުވަހުން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ކުރުމަށް ނިންމައިފިއެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރިސޯޓުތައް ބަންދުކުރަން ނިންމީ ކޮވިޑް 19އާ ގުޅިގެން ގިނަ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ހުއްޓާލުމާއި ބައެއް ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައިވުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިންތިހާއަށް މަދުވުމުން ކަމަށެވެ.

ކްރައުން އެންޑް ޗަމްޕާ ގްރޫޕުގެ ދަށުން ރާއްޖޭގައި އަށް ރިސޯޓެއް ހިންގައެވެ. އެއީ ކުޑަދޫ މޯލްޑިވްސް، ހުރަވަޅި، ވެލިގަނޑު އައިލެންޑް ރިސޯޓް، ކޮމަންޑޫ، ކުރެއްދޫ، ވިލަމެންދޫ، މީރު އަދި އިންނަހުރާއެވެ. އެ ކުންފުނީގައި 3،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެއެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ކުރާ ކުންފުނިތައް ކަމުގައިވާ ވިލާގެ ރިސޯޓުތަކާއި ޔުނިވާސަލްގެ ރިސޯޓުތައްވެސް ބަންދުކުރުމަށް ވަނީ ނިންމައިފައެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް 19އަށް 13 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.