ޚަބަރު

ދިރާގު ޕޭގެ މާޗަންޓް ޓްރާންސެކްޝަން ފީ ކުރިއަށް އޮތް ތިން މަހަށް ކަނޑާލައިފި

އަލީ ޔާމިން

ދިރާގުގެ ޑިޖިޓަލް ވޮލެޓް، ދިރާގު ޕޭގެ މާޗަންޓް ޓްރާންސެކްޝަން ފީ ކުރިއަށް އޮތް ތިން މަސް ދުވަހު ނުނަގާ ގޮތަށް އެކުންފުނިން ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ، އެގޮތަށް ނިންމީ ގިނަ ވިޔަފާރިތަކުން ދިރާގު ޕޭ ގާއިމުކުރަން މަގުފަހިކޮށްދިނުމަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި އަލަށް ދިރާގު ޕޭއާ ގުޅޭ ވިޔަފާރިތަކުންވެސް މި ފީ ތިން މަސް ދުވަސް ވަންދެން ނުނަގާނެ ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން ދިރާގުން ބުނީ ކޮވިޑް 19 ރާއްޖޭގައިވެސް ފެތުރެމުން އަންނަ ދުވަސްވަރެއްގައި ހިދުމަތްތަކަށާއި މުދަލަށް ފައިސާ ދެއްކުމަށް ދިރާގު ޕޭގެ ބޭނުން އިތުރަށް ބޮޑުވެފައިވެފައިވާ ކަމަށެވެ. އެއީ އާންމު ދިރިއުޅުމުގައި ވިޔަފާރީގެ މުއާމަލާތް ކުރުމަށް ގެންގުޅޭ ނަގުދު ފައިސާ އަދި ކޭޝް ކާޑުތަކަކީ، އެ ތަކެތިންވެސް ޖަރާސީމު ފެތުރުމުގެ ފުރުސަތު ބޮޑު ތަކެއްޗަށްވުމުން ގޭގައި ތިބެގެން ބިލްތައް ދައްކައި، ރެސްޓޯރެންޓްތަކުން އޯޑާ ކުރާ ކާބޯތަކެއްޗާއި، ގަންނަ އެހެނިހެން ސާމާނުތަކަށް ފައިސާ ދެއްކުމަށް ކަމަށެވެ.

ދިރާގު ޕޭ ބޭނުންކުރުމަށް ކޮންމެހެން ދިރާގުގެ ކަސްޓަމަރަކަށް ވާން ނުޖެހޭއިރު އެ ހިދުމަތް މެދުވެރިކޮށް ކޮންމެ ސްމާޓްފޯނަކުންވެސް މުދަލާއި ހިދުމަތްތަކަށް ފައިސާ ދެއްކުމުގެ އިތުރުން އެކަކު އަނެކަކަށް ފައިސާ ޓްރާންސްފާކޮށް، ފައިސާ ޖަމާވެސް ކުރެވޭނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 260 އަށް ވުރެ ގިނަ ވިޔަފާރިތަކުން ބޭނުންކުރެއެވެ. އޭގެ ތެރޭގައި ޑެލިވަރީގެ ހިދުމަތްދޭ މަޝްހޫރު ކެފޭ ރެސްޓޯރަންޓްތަކާއި، ޖެނެރަލް ޓްރޭޑިން އާއި، ސެލޫން އަދި ހޮސްޕިޓަލްތަކާ މިނޫންވެސް އެކި ސިނާއަތްތަކުގެ ވިޔަފާރިތައް ހިމެނެއެވެ.

ދިރާގުން އަންނަނީ ކޮރޯނާވައިރަހާ ގުޅިގެން ދިރާގުގެ ހިދުމަތަކަށް ފައިސާ ދެއްކުމަށް ދިރާގުގެ މައި އެކައުންޓް އަދި މޮބައިލް އެޕް ފަދަ ޑިޖިޓަލް ޗެނަލްތައް ބޭނުންކުރަމަށް ބާރުއަޅަމުންނެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި އެކުންފުނިން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާއި މުޖުތަމައަށް ލުއިފަސޭހަކޮށް ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމަށް ކަމަށެވެ.