ރާއްޖޭގެ އިގުތިސާދު ރަނގަޅުކުރުމުގެ ނަމުގައި ޕްރެސް ކޮންފަރެންސެއް ބާއްވާފައިވީ ނަމަވެސް، އެކަމަށް ކުރާ މަސައްކަތެއް ނުފެންނަ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ދެނެގަނެ، ވިޔަފާރިތަކަށް އެހީވުމުގެ އަވަސް ފިޔަވަޅުތަކެއް ވަގުތުން ވަގުތަށް އެޅުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ފަރާތުން މީގެ ކުރިން ވެސް ގޮވާލާފައިވާނެ ކަމަށެވެ.
"އެކަމުގައި ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިގުތިސާދު ރަނގަޅުކުރުމުގެ ނަމުގައި ޕްރެސް ކޮންފަރެންސެއް ބާއްވާފައިވީ ނަމަވެސް، ކަންކަން ރަނގަޅުކުރުމުގައި އިހުލާސްތެރި މަސައްކަތްތަކެއް ކުރަމުންދާތަން ނުފެނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެގެންދާނެ ކަމެއްކަމުގައި މި ކޯލިޝަނުން ދެކެމެވެ. އެއީ ރާއްޖޭގެ އިގުތިސާދާއި އާންމު ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާތީއެވެ..،" ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އިދިކޮޅުން ބުނީ ދާދި ފަހުން ސަރުކާރުގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި 2.5 ބިލިއަން ރުފިޔާގެ އެހީތެރިކަން ވިޔަފާރިތަކަށް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް، އެ ފައިސާއާ ގުޅޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައިނުވުމަކީ އޭގައި އެތައް ސުވާލެއް އުފެދޭ ކަމެއް ކަމަށާއި އެ 2.5 ބިލިއަން ރުފިޔާގެ ޕްރޮގްރާމަކީ މިވަގުތުގެ ހާލަތަށް އެންމެ އެކަށީގެންވާ ޕްރޮގްރާމެއްކަން ނުވަތަ ނޫންކަން ވެސް ސާފު ނޫން ކަމަށެވެ. އަދި އެ ފައިސާ ދައުލަތުން ހޯދުމުގައި އަމަލުކުރާނީ ކިހިނެއްކަން ހާމަކޮށްފައި ނުވާ ކަމަށް ވެސް އިދިކޮޅުން ފާހަގަކުރިއެވެ.
އެކަމުގެ ތަފުސީލު ރައްޔިތުންނަށް ހާމަކޮށް، އެކަމުގެ އަމަލީ ފިޔަވަޅުތައް އަވަސްކޮށް ވިޔަފާރިތަކަށް ވަމުންދާ ގެއްލުންތައް ކުޑަކުރެވޭނެ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާ ކަމަށާއި މިވަގުތު ރާއްޖޭގެ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ރާއްޖޭގެ އިގުތިސާދަށާއި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ފޫނުބެއްދޭ ވަރުގެ ގެއްލުން ކުރިމަތިވެގެންދާނެކަން ސާފުކޮށް ފެންނާތީ އެކަމުގައި އަވަސްވުމަށް ސަރުކާރަށް ގޮވާލާ ކަމަށް އިދިކޮޅުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.