ކޮވިޑް19 އާ ގުޅިގެން ރާއްޖެއިން ސިއްހީ އެހީތެރިކަން ބޭނުންވެއްޖެ ހާލަތެއްގައި ލަންކާ އާއި ނޯވޭ އޮތީ އެހީވާން ތައްޔާރަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ދެގައުމުން އެ ޔަގީންކަން ދީފައިވަނީ ކޮވިޑް19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ސްރީލަންކާ އާއި ނޯވޭގެ ހާރިޖީ ވަޒީރުންނާއި ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ކަމަށެވެ.
"ރާއްޖޭގެ ސިއްހީ ނިޒާމުގެ ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި، ސްރީލަންކާއިން ސިއްހީ ދާއިރާގެ މާހިރުން ރާއްޖެއަށް ފޯރުކޮށްދެއްވުމަށް މިނިސްޓަރު ޝާހިދު އެދިވަޑައިގެންނެވި. އަދި މިފަދަ އެހީތެރިކަމަކަށް ރާއްޖެއިން އެދިއްޖެ ހާލަތެއްގައި އެ އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ސްރީލަންކާގެ ހާރިޖީ ވަޒީރު ވަނީ ދެއްވާފައި،" ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ ލަންކާގެ ހާރިޖީ ވަޒީރު ދިނޭޝް ގުނަވަރުދަނައާ ފޯނުން ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ސްރީލަންކާއަކީ ދިވެހިންގެ "ދެވަނަ ވަޒަން"ކަމުގައި ދެކޭ ގައުމެއްކަން ފާހަގަކުރައްވައި، އެގައުމުގައި ތިބި ދިވެހިންނަށް ސްރީލަންކާއިން ފޯރުކޮށްދޭ މެހުމާންދާރީއަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރާއްޖޭގައި މިވަގުތު ތިބި ސްރީލަންކާ ރައްޔިތުންގެ ހާލު ދިވެހި ސަރުކާރުން ބަލަމުންގެންދާނެކަމުގެ ޔަގީންކަންވެސް މިނިސްޓަރު ޝާހިދު ދެއްވިކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެ އިތުރުން ހާލަތު ތަންދިން މިންވަރަކުން މިދަނޑިވަޅުގައިވެސް ދެގައުމުގެ މެދުގައި ސޮއިކޮށްފައިވާ ވިސާގެ އެއްބަސްވުންތައް ދަމަހައްޓަމުން ގެންދިއުމަށް ދެ ގައުމުގެ ވަޒީރުން ވެސް އެއްބަސްވެވަޑައިގެންނެވި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ލަންކާގެ އިތުރުން ނޯވޭގެ ހާރިޖީ ވަޒީރު އީން އެރިކްސަން ސޯރެއިޑާއާއެކު ކުރެއްވި މަޝްވަރާތަކުގައި އެގައުމުން ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.