ޚަބަރު

ލޮކްޑައުން ހާލަތަކަށް ގޮސްފިނަމަ ދަތިނުވެ މުދާ ގަނެވޭނެ އިންތިޒާމު މިދަނީ ހަމަޖައްސަމުން: ޝިފާ

އައިދާ އަބްދުލް ހަކީމް

ކޮވިޑް19އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ހާލަތަކަށް ގޮސްފިނަމަ ރައްޔިތުންނަށް ދަތިނުވެ މުދާ ގަނެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގުޅިގެން މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިފާ ވިދާޅުވީ ކޮވިޑް19 ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާތީ ރައްޔިތުން އަދި ތިބީ ރައްކާތެރިކަމުގައި ކަމަށެވެ.

ނަމަވެސް ކުރިއަށް އޮތް ތަނުގައި މިރޯގާ އިތުރަށް ފެތުރިގެން ގޮސްފިނަމަ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ މުދާ އަދި އެހެނިހެން ހިދުމަތްތައް ދަތިކަމެއް ނެތި ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި މާލެ، ހުޅުމާލޭގެ އިތުރުން ވިލިމާލޭގެ ފިހާރަތަކާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

"ވަރަށް ހާއްސަ ކަމެއް މިހާރު ނިންމާފައިވަނީ ހުޅުމާލޭގައިވެސް މާލޭގައިވެސް އަދި ވިލިގިލިގައިވެސް. އެއީ މިސާލަކަށް ލޮކްޑައުންއަކަށް ދާން ޖެހުނުކަމުގައި ވިޔަސް ކޮންކޮން ފިހާރަތަކެއްތޯ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭނީ. ހަމަ ކޮންމެ ބްލޮކެއް ވަކިން ބަލައި އަޅުގަނޑުމެން ވަނީ ކޮންމެ ފިހާރައަކަށް ގޮސް އެ ހިދުމަތް ދެއްވާނީ ކޮންބައެއްތޯ، ޑެލިވަރީ ކޮށްދެއްވާނީ ކޮންބައެއްތޯ ބަލާފައި،" ޝިފާ ވިދާޅުވިއެވެ.

ހިދުމަތް ދޭން ބޭނުންވާ ފިހާރަތަކުގައި ކަސްޓަމަރުން ފިހާރަތަކަށް ނުގޮސް ގޭގައި ތިބެގެން އޯޑަރުކޮށް އަދި ފައިސާ ދެއްކޭނެ ފަދަ ހިދުމަތްތައް ހުރިތޯ ކަށަވަރުކުރަމުން އަންނަ ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާ ވިދާޅުވީ މާލެ ސަރަހައްދުގެ ގެއަކުން މި ރޯގާއަށް ޝައްކު ކުރެވޭ މީހެއް ފެނިގެން ނުވަތަ މީހަކު ޕޮޒިޓިވްވެގެން އެގެއެއް ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި ކަންކުރާނެ ގޮތާއި އަދި އެހީތެރިކަން ފޯރުކޮށްދޭނެ ގޮތް ބަލައި އެކަމަށް ސިޓީ ކައުންސިލާއި އެންޑީއެމްއޭ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޝިފާ ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ސިޓީ ކައުންސިލުން މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ޝިފާ ވިދާޅުވިއެވެ.