އެސްޓީއޯ އާއި އެމްޑަބްލިޔުއެސްސީ އަދި އައިލެންޑް އޭވިއޭޝަން އަށް އަށް މެނޭޖިން ޑައިރެކްޓަރުން އައްޔަންކުރައްވައިފި އެވެ.
ޕީސީބީން ގެ ރައީސް މުހައްމަދު ނިޒާރު މިއަދު މެންދުރުފަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިގޮތުގައި އެސްޓީއޯގެ އެމްޑީ ކަމަށް އައްޔަނުކުރެއްވީ ހުސެއިން އަމްރޫ އެވެ. އެމްޑަބްލިޔުއެސްސީގެ އެމްޑީ ކަމަށް އައްޔަން ކުރެއްވީ އާދަމް އާޒިމް އެވެ. އަދި އައިއޭއެސްގެ އެމްޑީއަކަށް އައްޔަން ކުރެއްވީ މުހައްމަދު ރިޒްވީ އެވެ.
އެސްޓީއޯގެ އެމްޑީ ކަމަށް އައްޔަން ކުރެއްވި އަމްރޫ އަކީ އެމްޑީޕީގެ ޕޮލިސީ ކޮމެޓީގެ ޗެއާޕާސަން ކަމުގެ އިތުރުން އެ ޕާޓީގެ އިކޮނޮމިކް ކޮމެޓީގެ މެންބަރެކެވެ. އޭނާ ވަނީ ކުރީން އެމްޓީސީސީގެ ސީއީއޯ ކަމާއި ރައީސް އޮފީހުގެ އިކޮނޮމިކް އެންޑް ޓްރޭޑް ޕޮލިސީ ޑިޕާޓްމެންޓުގެ ހެޑް ކަން ކުރައްވައިފަ އެވެ.
އާދަމް އާޒިމް ވަނީ ކުރީން އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ކަމުގެ މަގާމު އަދާކުރައްވައިފަ އެވެ. އާޒިމް ވަނީ ވިޔަފާރި އަދި ފައިނޭންސްގެ ދާއިރާއިން މަތީތައުލީމު ހާސިލުކުރައްވައިފަ އެވެ.
އައިއޭއެސްގެ އެމްޑީ ކަމަށް އައްޔަންކުރެއްވި ރިޒްވީ މިހައިތަނަށް ހުންނެވީ އެ ކުންފުނީގެ މޯލްޑިވިއަން ހޮލިޑޭސް ޑިޕާޓްމެންޓެގެ ހެޑު ކަމުގެ މަގާމުގަ އެވެ. ރިޒްވީ ވެސް ވަނީ ވިޔަފާރީގެ ދާއިރާއިން މަތީތައުލީމު ހާސިލުކުރައްވައިފަ އެވެ.
ކުންފުނިތަކުގެ ބޯޑަށް ޕީސީބީން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެ މަގާމުތަކަށް ހަމަޖައްސަވައި ނަން ފޮނުއްވާ ބޭފުޅުންނެވެ.