ރާއްޖޭގައި މައިކްރޯ ސޮފްޓް އަދި ގޫގުލްގެ އިތުރު ހިދުމަތްތައް އަވަސް މުސްތަގުބަލެއްގައި ފުޅާ ވެގެންދާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
އެޕަލްގެ އެޕް ސްޓޯރު މިއަހަރު ވިހި ގައުމަކަށް އިތުރު ކުރާނެ ކަމަށް އެޕަލް އިން އިއުލާނު ކުރުމާއި ގުޅިގެން، ކުރެއްވި ޓުވީޓަކާއި ގުޅޭގޮތުން "ވަން" އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މަލީހު ވިދާޅުވީ މައިކްރޯ ސޮފްޓް އަދި ގޫގުލްގެ ހިދުމަތްތައް ރާއްޖޭގައި އިތުރަށް ފުޅާ ކުރުމަށް އެ ދެ ކުންފުންޏާއި އެކު ސަރުކާރުން މަޝްވަރާ ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.
"އެ ދެކުންފުންޏާއެކު ވެސް އަޅުގަނޑުމެން ވާހަކަ ދައްކަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ. މިދާއިރާގެ ގިނަ މީހުން ބޭނުވެފަ ތިބި ކަމެއް މިކަމަކީ. އެކުންފުނިތަކުގެ އޮފީހެއް ވެސް ހުޅުވުމަށް މަޝްވަރާ ކުރަމުން މިދަނީ" މަލީހް ވިދާޅުވިއެވެ.
މަލީހް ވިދާޅުވީ ރާއްޖޭގައި އެކުންފުނިތަކުގެ އޮފީހެއް ހުޅުވުމުން، އެބްރޭންޑްތައް ބޭނުން ކުރާ މީހުންނަށް އެކަމުގެ ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
މިއަހަރު އެޕަލްގެ އެޕް ސްޓޯރު ލިބޭ 20 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނެއެވެ. އާ ގައުމުތަކުގެ ސްޓޯރު ފަށާނެ ދުވަސް ބުނެފައި ނުވިނަމަވެސް އެޕަލް އިން ވަނީ ޑިވެލޮޕަރުންނަށް އެމީހުންގެ ޑިވެލޮޕާ ވެބްސައިޓްތަކުން ލޮގިން ކޮށް ލައިސެންސް އެގްރީމްންޓް އަޕްޑޭޓް ކުރުމަށް އެދިފައެވެ. އެގޮތަށް ހެދުމުން އާ ސްޓޯރުތައް ފެށުމުން އެ ސްޓޯރުތަކަށް ވަދެވޭނެ ކަމަށް އެޕަލްއިން އިން ވަނީ ބުނެފައެވެ.