ޚަބަރު

ކޮވިޑް 19އާ ގުޅިގެން ކުށްވެރިން ދޫކޮށްލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން ޖަލުގައި ތިބި ކުށްވެރިން ދޫކޮށްލުމުުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާބެހޭ އެންމެ ފަހުގެ މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، ކޮވިޑް 19 އާ ގުޅިގެން، އެބަލި ފެތުރިދާނެތީ އެމެރިކާ ފަދަ ގައުމުތަކުން ހާހެއްހާކުށްވެރިން ދޫކޮށްލާފައި ކަމަށާއި، ރާއްޖޭގެ ޖަލުތައް ތޮއްޖެހިފައިވާއިރު، ރާއްޖޭން އެފަދަ ވިސްނުމެއް ގެންގުޅޭތޯ، ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މަބްރޫކު ވިދާޅުވީ، އެކަމާގުޅިގެން ހޯމް މިނިސްޓްރީން ޖަލުތަކުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިިވާ ކަމަށެވެ.

އެގޮތުން ބޭރުން ޖަލު ތެރެއަށް ވަންނަ މީހެއްގެ ފަރާތުން ޖަލު ތެރެއަށް ބަލި ފެތުރުން ހުއްޓުވުމަށް ކަންތައްތަކެއްް ކޮށްފައިވާ ކަަމަށްވެސް ވިދާޅުވިއެވެ.

އޭގެ އިތުރުން ލޯޔަރުންގެ އެހީއާ ކަންތައްތައް ބޭނުންވާ ފަރާތްތަކަށް ވާޗުއަލީ އެކަން ކުރެވޭނެ ހަމަޖައްސައިދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، ޖަލެއްގައި ތިބި ނަމަވެސް އެމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ނަމަވެސް އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނީ ޖަލުތެރެއިން ކަމަށާއި، ކޮވިޑް 19 އާގުޅިގެން އެއްވެސް މީހަކު ޖަލުން ދޫކޮށްލުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.