އިބްރާހިމް ޒަކީ
ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވް ވި 13 މީހުންގެ ތެރެއި ފަސްމީހުން ރަނގަޅު ވުމުގެ ނަތީޖާ ލުއިކޮށް ނުނެގުމަށް ޑރ. މޫސާ މުރާދު އިލްތިމާސް ކުރައްވައިފިއެވެ.
ކޮވިޑް 19އިގެ އެންމެ ފަހުގެ ހާލަތާބެހޭ މައުލޫމާތު ދެއްވުމަށް ނެޝަނަލް އިމެޖެންސީ ސެންޓަރު، ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ. މުރާދު ވިދާޅުވީ، ފަރުވާދެމުންދިޔަ މީހުންގެ ތެރެއިން ފަސްމީހުން ނެގެޓިވް ކަމަށް ދެއްކުމަކީ ހިތްހަމަޖެހިލައިގެން ތިބެވެން އޮތް ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ ހާލަތު އެހާ ބޮޑަށް ގޯސް ނުވިނަމަވެސް މި ބަލީގައި ނުރައްކާ ހާލަތަށް ގޮސްފައިވާ ގައުމުތަކުގެ ހާލަތާބެހޭ މައުލޫމާތު ކޮންމެ ދުވަހަކު މީޑިއާއިން އިވި ފެންނަމުން އަންނަ ކަމަށާއި، އެ މައުލުމާތުތަކުން އިބުރަތް ލިބިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"ފަަސްމީހުން ނެގެޓިވް ކަމަށް އަޅުގަނޑުމެން މިވަނީ ނިންމާފަ. ބާކީ ތިބި މީހުންގެ ހާލުވެސް ރަނގަޅު ނަމަވެސް، އަޅުގަނޑު މިވަގުތު އިލްތިމާސެއްގެ ގޮތުގައި ދިވެހި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ މި ނަތިޖާތައް އެހާ ލުއިކޮށް ނުނަންގަވާށޭ، މި ޕޮޒިޓިވް ވި މީހުންގެ ތެރެއިން ގިނަ މީހުން އެހާ ބަލިވެގެން ނުދިޔަ ނަމަވެސް އެންމެންވެސް ނޫސްތަކުންނާއި އެކި ގޮތްގޮތުން މިބަލީގެ ނުރައްކާ ކިޔަމުންނޭ، ފެންނަމުންނޭ މިދަނީ، މިބަލި ބޮޑަށް ފެތުރިފައިވާ ގައުމުތަކުގައި މިބަލީގެ ކަންތައްތައް ތަހައްމަލު ކުރަމުންދާ ގޮތް މިދަނީ އަޅުގަނޑުމެންނަށް ފެންނަމުންނޭ، އެހެވީމާ އެ މައުލޫމާތުތައް އިބުރަތެއްގެ ގޮތުުގައި އަޅުގަނޑުމެން ބަލައިގެން ކުރިޔަށް ދާން މިޖެހެނީ،" ޑރ. މުރާދު ވިދާޅުވިއެެވެ.
ޑރ. މުރާދު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް ކުޑަކޮށްވެސް މަޑުޖައްސާލެވެން ނެތް ކަމަށެވެ. އަދި މިކަމުގެ ނުރައްކާ ކޮންމެ ވަގުތަކުވެސް ބޮޑުވެދާނެ ކަމަށާއި، އެކަމަށްޓަކައި ސިއްހީ މާހިރުންނާއި ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދާއި ލަފައާއި އެއްގޮތަށް ހުރިހާ އެންމެން ކަންތައްތައް ބެހެއްޓުމަށް އިލްތިމާސް ކުރައްވާ ކަަމަށްވެސް ޑރ. މުރާދު ވިދާޅުވިއެވެ.
"މި މަސައްކަތް ކުޑަކޮށްވެސް މަޑުޖައްސާލެވޭކަށް ނެތް، ތައްޔާރުވެގެން ތިބެން ޖެހޭ، މިކަމުގެ ނުރައްކާ ކޮންމެ ވަގުތެއްގައިވެސް ބޮޑުވެދާނެ ކަމަށް ބަލައިގެން ސިއްހީ މާހިރުންނާއި ކަމާގުޅޭ ބޭފުޅުން ދެއްވާ ލަފައާއި އިރުޝާދުގެ ދަށުން ކަންތައްތައް ބެހެއްޓުން މުހިއްމު،" ޑރ. މުރާދު ވިދާޅުވިއެބވެ.