ކިތަންމެ ހިތްހަމަނުޖެހޭ އެއްޗެއް ބުނި ކަމުގައިވިޔަސް، ގާސިމް އިބްރާހިމްއަކީ އެއްވެސް މީހަކާ ދޭތެރޭ ޒާތީ ކަމެއް ގެންގުޅުއްވާ ބޭފުޅެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ޖޭޕީއަށް ރިޔާޒް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ވަރަށް ހިތްހަމަނުޖެހޭ ވާހަކަތަކެއް ދެއްކެވި ބޭފުޅުން ވެސް ވަރަށް ފަހުން ޖޭޕީއާ ގުޅިވަޑައިގަންނަވައިފި ކަމަށެވެ.
"ތަފާތު އެކި ފޯރަމްތަކުގައި ބަސްފުޅު ބަހައްޓަވައިގެން ނުވާނެ ފަދަ ދަށުދަރަޖައިގެ ވާހަކަދެއްކެވި ބޭބޭފުޅުންނާއެކުގައި ވެސް އެއްވެސް ކަހަލަ ބުރަ ހިތެއް ނެތި، ކުޑަދަށުގައި، ސައި ކޮޓަރީގައި، އެމަނިކުފާނުގެ އަމިއްލަ ކޮޓަރީގައި ބައްދަލުކުރާ މަންޒަރު ފެނިގެންދޭ. އެމަނިކުފާނުގެ މި ދެންނެވި ހުލްގު އެއީ އިންސާނުންގެ ތެރެއިން ވަރަށް މަދުން ނޫނީ ނުފެންނަ ސިފައެއް،" އޭނާ ވިދާޅުވިއެވެ.
ރިޔާޒް ވިދާޅުވީ ގާސިމާއެކު މަސައްކަތްކުރައްވަން ސިޔާސީ އެއްވެސް ބޭފުޅަކަށް ދައްޗެއް ނުވާނެ ކަމަށާއި ގާސިމަކީ މީހަކު ކޮންމެ ފަދަ އެއްޗެއް ބުނި ކަމުގައިވިޔަސް އެއަށް ރައްދު ދެއްވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި ޖޭޕީއާ ގުޅުނީ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ މެމްބަރުންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް ސަޕްރައިޒެއް ދީފައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މިއައީ އަޅުގަނޑު ތަމްސީލްކުރަމުންދިޔަ ޕީޕީއެމް ޕީޖީ ގްރޫޕުގެ ހުރިހާ އިއްޒަތްތެރި މެމްބަރުންނާ ބައްދަލުކޮށްފައި. ބައްދަލުކޮށްފައި އަޅުގަނޑު ދެންނެވިން އަޅުގަނޑު މި ނިންމުން އެބަ ނިންމަމޭ. އަޅުގަނޑު މިއައީ އެބޭފުޅުންނަށް ސަޕްރައިޒް ދީފައެއް ނޫން. އަދި ޕާޓީގެ ރައީސް، ރައީސް ޔާމީނަށް ވެސް ދެންނެވިން އަޅުގަނޑު މި ނިންމުން އެބަ ނިންމަމޭ،" އޭނާ ވިދާޅުވިއެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ އޭނާ ޖޭޕީއާ ގުޅިވަޑައިގެންނެވީ އަމިއްލަ ނަފްސަށް މޮޅަށް އެދިގެން ނޫން ކަމަށާއި އެއީ ދާއިރާގެ ރައްޔިތުންނަށްޓަކައި ކުރެއްވި ކަމެއް ކަމަށެވެ.
"މިއީ އަޅުގަނޑު ދާއިރާގައި ފަށާފައި ހުރި މަސައްކަތްތަކާއި އަދި އަޅުގަނޑުގެ ދާއިރާގައި ތިބި އެތައް ބައިވަރު ޒުވާނުންނާއި އެތައް ބައިވަރު ބައެއްގެ ވަޒީފާތަކާއި އަދި އެމީހުންގެ މުސްތަގުބަލަށްޓަކައި އަޅުގަނޑު ނިންމި ނިންމުމެއް. އެހެންވީމާ މި ނިންމުން ވެގެންދާނީ ހަގީގަތުގައި ވެސް އަޅުގަނޑުގެ ދާއިރާގެ ހުރިހާ ލޮބުވެތި ރައްޔިތުންނާއި އަޅުގަނޑުގެ އަތޮޅުން ވެސް އެންމެހާ ރައްޔިތުންނަށް،" އޭނާ ވިދާޅުވިއެވެ.