ކޮވިޑް 19އާ ގުޅިގެން ޕާކިސްތާނުގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މަހުމޫދު ޝާހް މަހުމޫދު ގުރޭޝީއާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މަޝްވަރާ ކުރައްވައިފިއެވެ.
ފޯނުން ގުޅުއްވައިގެން ދެބޭފުޅުން ކުރެއްވި އެ މަޝްވަރާތަކުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ، ކޮވިޑް 19 ފެތުރެމުންދާ މި ދަނޑިވަޅުގައި އެބަލިން ރައްކާތެރިވުމަށާއި ބަލި ކޮންޓްރޯލް ކުރުމަށް ޕާކިސްތާން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވައިފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އޭގެ އިތުރުން ފަތުރުވެރިކަމާއި އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސާދަށް ކޮވިޑް 19ގެ ސަބަބުން ކުރަމުންދާ އަދި ކުރާނެ އަސަރުތަކާއި އެބަލިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ވެސް މިނިސްޓަރު ޝާހިދު ހިއްސާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މިނިސްޓަރު އިތުރަށް ވަނީ، މި ދަނޑިވަޅުގައި ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެއްވާ އެހީތެރިކަމަށާއި ހާއްސަކޮށް ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ދަރިވަރުންގެ ކަންކަން ބަލަހައްޓަވާ ކަމަށް ޓަކައި ޕާކިސްތާނުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މިވަގުތު ރާއްޖޭގައި ތިބި ޕާކިސްތާނުގެ ރައްޔިތުންގެ ހާލުވެސް ދިވެހި ސަރުކާރުން ކައިރިން ބަލަމުންދާނެކަމުގެ ޔަގީންކަން އެރުވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި މަޝްވަރާތަކުގައި މިނިސްޓަރު ޝާހިދު ވަނީ ދާދި ފަހުން ސާކް ގައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވި ކަންތައްތައް ވެސް ފާހަގަކުރައްވައިފައެވެ.
އެގޮތުން ސަރަހައްދީ ގައުމުތަކުގެ ސިއްހީ އަދި ކުއްލި ހާލަތާބެހޭ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެކުގައި މަސައްކަތްކުރުމުގެ އޮނިގަނޑެއް އެކުލަވާލުމުގެ މުހިއްމު ކަމާއި ކޮވިޑް 19ގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމާ ބެހޭ ގޮތުން މިނިސްޓަރު ޝާހިދު ވާހަކަ ދެއްކެވިއެވެ.
މި މަޝްވަރާތަކުގެ ތެރެއިން ދެބޭފުޅުން ވަނީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު އޮންނަ ޒަމާންވީ އަހުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރައްވައިފައެވެ.
އެގޮތުން ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ވަޑައިގަތުމަށް މިނިސްޓަރު ޝާހިދު ވަނީ ދައުވަތު އަރުވައިފައި ކަމަށާއި އަދި އެ ދައުވަތު ފޮރިން މިނިސްޓަރު ގުރޭޝީ ވަނީ ގަބޫލުކުރައްވައިފައި ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.