ރިޔާޒް ރަޝީދު

ޖޭޕީއާ ރިޔާޒް ގުޅުނީ ޓިކެޓް ހޯދާކަށް ނޫން، އަމިއްލަ ގޮތުން ކުރިމަތިލިޔަސް ރިޔާޒް ހޮވޭނެ: ގާސިމް

2

ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ޕާޓީގެ ޓިކެޓު ހޯއްދެވުމަށް ނޫން ކަމަށާއި އަމިއްލަ ގޮތުން ކުރިމަތިލިޔަސް ރިޔާޒް މަޖިލީހަށް ހޮވޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖޭޕީއަށް ރިޔާޒް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ހުރިހާ އެއްޗެއް ގެއްލުމުން ޕީޕީއެމްގައި މަޑުކުރާނެ މީހަކު ނޫޅޭނެ ކަމަށާއި ޖޭޕީއާ ރިޔާޒް ގުޅިވަޑައިގެންނެވީ ގޮތް ހުސްވެގެން ނޫން ކަމަށެވެ.

"މިއަދު ކަތިވަޅި ވެސް ގެއްލި، މަރިޔަނބު ވެސް ގެއްލި، ކޮށި ދަނޑު ވެސް ގެއްލުނީމާ ދެން ކިހިނެއްތޯ އެ ދަނޑަށް އަރައި ގޮވާންކުރަން އުޅޭނީ. ގޮތް ހުސްވެގެންނެއް ނޫން ރިޔާޒް އަޅުގަނޑުމެންނާ ގުޅިވަޑައިގެންނެވީ. އަޅުގަނޑަށް ހަމަ ކަށަވަރު އެބޭފުޅާގެ އަމިއްލަ ނަފްސަށް ޓިކެޓެއް ހޯއްދެވުމުގެ ބޭނުމެއް ނެތްކަން. ބައެއް ބޭފުޅުން ވިދާޅުވެދާނެ އެބޭފުޅާ ވަޑައިގެންނެވީ ޓިކެޓެއް ހޯއްދަވަންށޭ. އެކަމަކު އަޅުގަނޑަށް އެނގެނީ އަމިއްލަ ގޮތުން ކުރިމަތިލެއްވިޔަސް އެބޭފުޅާ ވަރަށް ގިނަ ދާއިރާއަށް އެއްވެސް ޝައްކެއް ނެތި އެބޭފުޅާ ކާމިޔާބުކުރައްވާނެކަން،" އޭނާ ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ޕީޕީއެމްގެ ޕޯޑިއަމްތަކުގައި ރިޔާޒް ތަފާތު ގޮތްގޮތަށް ވާހަކަދެއްކެވި ނަމަވެސް، އެއްވެސް ފަހަރަކު ވަކި މީހަކަށް އެއްޗެހި ކިޔައި ވާހަކަ ދައްކާފައިނުވާ ކަމަށެވެ.

"ވޭތުވެދިޔަ ދުވަސްތަކުގައި އެބޭފުޅާ ހުންނެވި ޕާޓީން، ޕީޕީއެމްގެ ޕޯޑިއަމްތަކުގައި، އެކިއެކި ޖަލްސާތަކުގައި ތަފާތު ގޮތްގޮތަށް އަޅުގަނޑުމެންނަށް އިވެމުންދިޔަ ސިޔާސީ މަސްރަހުގައި އުޅެމުންދިޔަ ބޭބޭފުޅުންނަށް އެއްޗެހި ކިޔައި ފާޑުފާޑުގެ ވާހަކަތައް ދައްކަވަމުންދިޔަ އަޑު. އެކަމަކު އަޅުގަނޑުގެ ކަންފަތަކުން ނާހަން ވަކި މީހަކާ ދިމާކޮށްގެން ވަކި ނަޒަރިއްޔާތަކުން، ހާއްސަގޮތެއްގައި އަޅުގަނޑާ ދިމާއަށް އެއްވެސް އެއްޗެއް ވިދާޅުވި އަޑެއް. އެބޭފުޅާ ވާހަކަދެއްކެވީ އޮންނަ އިޝޫއަކާ ދޭތެރޭ،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟