އަލީ ޔާމިން
ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ވިލާ ކުންފުނީގެ ބާނީ ގާސިމް އިބްރާހިމަކީ ދީލަތިކަމުގެ ނަމޫނާއެއް ކަމަށާއި ކޮވިޑް 19ގެ ނުރައްކާ ރާއްޖެއަށްވެސް ކުރަމުންދާ ދަނޑިވަޅެއްގައި ގާސިމްގެ ނަން ކިލަނބުކުރަން ކުރާ މަސައްކަތް ޖޭޕީން ކުށްވެރިކޮށްފިއެވެ.
އެކަން ކުށްވެރިކޮށް ޖޭޕީން ބަޔާނެއް ނެރިފައި މިވަނީ، ގާސިމްގެ ތިން ރިސޯޓެއް ކަރަންޓީން ފެސިލިޓީތަކަށް ހަދަން ދީފައިވަނީ ޑީލެއްގެ ދަށުން ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
ޖޭޕީގެ ބަޔާނުގައި ބުނީ، ކޮރޯނާވައިރަސްގެ ހިތްދަތި ދަނޑިވަޅުގައިވެސް ބައެއް ފަރާތްތަކުން ދައްކަމުންދާ ހަގީގަތާ އިންތިހާއަށް ދުރު ވާހަކަތަކާއި ސިޔާސީ ބޭނުމެއްގައިވިޔަސް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެ ފަދަ ދަށުޖަރަޖައިގެ އަމަލުތައް މަދުން ނަމަވެސް ފެންނަކަމީ ހިތާމަހުރި ކަމެއް ކަމަށެވެ.
އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނަން ކިލަނބު ކުރުމުގެ ބޭނުމުގައި އަދި ބަޔަކު ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ދައްކާ ހަގީގަތާ ހިލާފު ވާހަކަތައް ކުށްވެރިކުރާ ކަމަށާއި ގާސިމަކީ ތަކުލީފެއް ޖެހިގެން އެހީތެރިކަމަށް އެދި ދިއްކޮށްލި ކޮންމެ އަތެއްގައި ހަތުރަކަށް، މިތުރަަކަށް ބެލުމެއް ނެތި ވެވަޑައިގެން އެންމެ ރަނގަޅަކަށް ދީލަތިކަމުގެ އަތަކުން ހިއްޕަވާ ބޭފުޅެއް ކަމަށްވެސް ޖޭޕީން ބުނެފައިވެއެވެ.
މީގެ އިތުރުން ގާސިމްގެ ކުންފުނީގެ ހާލަތުވެސް އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައިވެސް އިންސާނިއްޔަތަށްޓަކައި އެބޭފުޅާ އެ ގެންދަވަނީ އެފަދަ ދެވަނައެއް ނެތް މިސާލުތައް ދައްކަވަމުން ކަމަށް ޖޭޕީން ބުނެއެވެ.
ޖޭޕީން ބުނީ މި ވަގުތަކީ ޒާތީ ތައައްސުބާއި ސިޔާސީ ވާދަވެރިކަން ދޫކޮށް، އެންމެން އެކަތިގަނޑަކަށްވެ، އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން އިސްކޮށް ދިވެހި އުންމަތަށް ދިމާވެފައި މިވާ މުސީބާތުން ސަލާމަތްވޭތޯ އެމީހަކަށް ކުރެވުނު ކަމެއް ކުރަންވީ ވަގުތު ކަމަށެވެ.