ޚަބަރު

ކަރަންޓީން ފެސިލިޓީތައް ގާއިމުކޮށްފައިވާ މުއްދަތަށް ރިސޯޓުތަކުން ކުލި ދައްކާކަށް ނުޖެހޭނެ: މަބްރޫކު

ކޮވިޑް 19އާ ގުޅިގެން ކަރަންޓީން ކުރަންޖެހޭ މީހުން ބޭތިއްބުމަށް، ކަރަންޓީން ފެސިލިޓީތައް ގާއިމުކޮށްފައިވާ ރިސޯޓްތަކުން، މި މުއްދަތުގައި ސަރުކާރަށް ކުލި ދައްކާކަށް ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮވިޑް 19ގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ރިސޯޓްތައް ބޭނުންކުރާއިރު އެ ރިސޯޓްތަކާއެކު ސަރުކާރުން އެއްބަސްވުމެއް ހަދާ ކަމަށެވެ.

އެ އެއްބަސްވުމުގައި ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެނަމަ ތިން މަސް ދުވަހުގެ މުއްދަތަށް އެ ރިސޯޓެއް ސަރުކާރުގެ ބޭނުމަށް ނެގިދާނެ ކަމަށާއި އަދި ސަރުކާރުން ބޭނުންވާނަމަ އެ މުއްދަތު އިތުރު ކުރެވިދާނެ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.

އޭގެ އިތުރުން އެއްބަސްވުމުގެ ދަށުން ރިސޯޓުގެ ފަރާތުން ކަރަންޓާއި ފެނާއި ލޯންޑަރިންނާއި ރޫމް ސާވިސް އާއި ކަރަންޓީނުގައި ތިބޭ މީހުންގެ ކެއުން ބުއިމާއި އެހެނިހެން ކަންތައް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

އެކަމަށް ސަރުކާރުން އެއްވެސް ކުއްޔެއް ރިސޯޓަށް ދައްކަން ނުޖެހޭނެ ކަމަށާއި ނަމަވެސް ކަރަންޓީނުގައި ތިބޭ މީހުންނަށް ފޯރުކޮށްދޭ ހިދުމަތަށް ސަރުކާރުން ކޮޓަރިއަކަށް ދުވާލަކަށް 750 ރުފިޔާ ހަމަޖައްސާނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމަޖެންސީ ހާލަތެއްގައި ރިސޯޓު ބޭނުންކުރާނަމަ އެ ރިސޯޓުން ނަގަންޖެހޭ ކުލި ސަރުކާރުން ނުނަގާނެ ކަމަށެވެ.

"ނޫސްވެރިންގެ ފަރާތުން ސުވާލު އަންނަނީ މީހުން އެބަ ކިޔައޭ އެއް އަހަރު ދުވަހަށް ދެ އަހަރު ދުވަހަށް ސަރުކާރުން ކުލި މާފުކޮށްދީގެންނޭ މިކަހަލަ ކަންތައް، ވަރަށް ބޮޑު ފައިސާއެކޭ. އެކަހަލަ ގޮތަކަށް ނޫން. ބޭނުންކުރާ ދުވަސްތަކުގެ ކުލި ސަސްޕެންޑު ކޮށްފައި މިބުނާ މަގުން ކަންތައް ކުރާ ގޮތަށް މި އެގްރިމެންޓްތައް ހެދިފައިހުރީ،" މަބްރޫކު ވިދާޅުވިއެވެ.