މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވެގެން އެކަހެރިކޮށް ކޮވިޑް 19އަށް ޓެސްޓްކުރި ދެ ދިވެއްސަކު ނެގެޓިވްވެފައިވާތީ އެ ދެ މީހުން ދިރިއުޅޭ ގެ މޮނީޓަރިންގެ ހާލަތުން ނެގުމަށް ސަރުކާރުން ނިންމައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒް ވިދާޅުވީ، މާލޭގައި މޮނީޓަރިންގެ ހާލަތަށް ގެނައި ދެ ގެއަކީ ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވެގެން ވެލިދޫ އައިސޮލޭޝަން ފެސިލިޓީގައި އެހަކެރިކުރި ދެ ދިވެހިން ދިރިއުޅޭ ގެ ކަމަށެވެ. އަދި އެ ދެ މީހުންވެސް ބައްޔަށް ނެގެޓިވްވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އެ ދެމީހުން ބައްޔަށް ނެގެޓިވްވުމުން އެ ދެ ގެއަށް އަލުން މީހުން ވަދެ ނުކުމެ އުޅެވޭ ގޮތަށް ހުއްދަ ދިނުމުގެ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކޮށް ދުބާއީ މަގުން ޗައިނާއަށް ދިޔަ ފަހުން ފެލައިނީ ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން ސަރުކާރުން ވަނީ ރައްކާތެރިވުމުގެ ގޮތުން އޭނާއާ ކޮންޓެކްޓްވި ފަރާތްތައް އެކަހެރިކޮށް، ސާމްޕަލްތައް ނެގުމުގެ މަސައްކަތް ފަށައިފައެވެ.
ކޮވިޑް 19އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.