ޕާކިސްތާނާއި ފިލިޕީންސްގައި ތިބި ދިވެހި ދަރިވަރުން ރާއްޖެ ގެނެވޭނެ ރޫޓުތަކެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒް ވިދާޅުވީ ޕާކިސްތާނުން އަންނަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ރާއްޖެ އާދެވޭނެ ގޮތެއް ނުވެގެން އުޅެނީ ޕާކިސްތާނަށް ފުލައިޓުތައް ޖެއްސުން ހުއްޓާލާފައިވާތީ ކަމަށެވެ.
"މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ ޕާކިސްތާނުގައި ކިޔަވަން ތިބި ކުދިންނަށް ގުޅައި އަދި އިތުރު ކުދިން ރެޖިސްޓާވެފައިވޭތޯ ބަލާފައި. ޖުމްލަ 13 ކުއްޖަކާ މިހާރު މިނިސްޓްރީން ވަނީ ގުޅިފައި. އަދި މި ކުދިންނަށް ރާއްޖެ އާދެވޭނެ ޓްރެވަލް ރޫޓުތައް ހޯދުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އެބަދޭ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ފިލިޕީންސުން ރާއްޖެ އަންނަން ބޭނުންވާ ދިވެހި ދަރިވަރުންނަށް ރާއްޖެ އާދެވޭނެ ގޮތެއް ނުވެގެން އުޅެނީ ފުލައިޓުން ޖާގަ ލިބުމުގެ ވަރަށް ބޮޑު ދައްޗެއް އުޅޭތީ ކަމަށާއި ގިނަ ފުލައިޓުތަކެއް ކެންސަލްވާ ކަމަށެވެ.
"ފިލިޕީންސްގެ ވައިގެ ބަނދަރު ބަންދުކޮށްފައެއް ނުވޭ. ފިލިޕީންސް އިން ބައެއް ފުލައިޓުތައް ފުރައިގެން ވެސް އެބަދޭ. އެހެންނަމަވެސް ފިލިޕީންސްގައި ތިބި ރާއްޖެ އަންނަން ބޭނުންވާ ދިވެހި ކުދިންނަށް ފުލައިޓުން ޖާގަ ލިބުމުގެ ވަރަށް ބޮޑު ދައްޗެއް އުޅޭތީ. އަދި ބައެއް ފުލައިޓުތައް ކެންސަލްވަމުންދާތީވެ ފުލައިޓުތަކެއް އެރޭނެ ގޮތެއް ނުވެގެން މި އުފެދިގެން އުޅޭ ހާސްކަން އުފެދިފައި އޮތީ. މި ކުދިންނަށް ވެސް ރާއްޖެ އާދެވޭނެ ޓްރެވަލް ރޫޓްސްތައް ހޯދުމުގެ މަސައްކަތް މަސައްކަތްކުރެވޭ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު އިތުރަށް ވިދާޅުވީ އެ ހުރިހާ ކުދިންނާ ވެސް ކޮންޓެކްޓް ކުރެވޭނެ ގޮތެއް މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށެވެ.