ޚަބަރު

ކޮވިޑް 19 : ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓުވެ އެކަހެރިކުރި ދެ މީހުންގެ ނަތީޖާ ނެގެޓިވް

އަލީ ޔާމިން

ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ދިޔަ ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މަރުއާން ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި އެމްއޭސީއެލްގެ ދެ މުވައްޒަފުންގެ ސާމްޕަލް ނެގަޓިވް ކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮވިޑް 19 އާ ގުޅިގެން، މީޑިއާތަކަށް މައުލޫމާތުދެއްވުމަށް، މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، ރާއްޖޭގައި ޗުއްޓީ ހޭދަކޮށް ދުބާއީ މަގުން ޗައިނާއަށް ދިޔަ ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވި ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވެގެން އއ. ވެލިދޫގައި އެހަކެރިކުރި ދެ ދިވެހިންގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ.

ވެލިދުއަށް ގެންދިޔަ ދެ މީހުން ދިރިއުޅުނު ގެ ވެސް މީހުން ވަނުމާއި ނުކުތުން މަނާކޮށް މޮނީޓަރިންގެ ހާލަތަށް ގެންދިޔައެވެ. މަބުރޫކު ވިދާޅުވީ، އެ ދެ ގެ ވެސް ހުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފެލައިނީއާ ޑައިރެކްޓް ކޮންޓެކްޓްވި ރީތިރަށް ރިސޯޓްގެ ފަސް މީހަކާއި އެމްއޭސީއެލްގެ 15 މުވައްޒަފަކު ވަނީ އެކަހެރިކޮށްފައެވެ. ސަރުކާރުން ބުނީ އަދިވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެއިން ކޮވިޑް 19 އަށް މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ފަރުވާދީގެން ރަނގަޅު ކުރެވިފައެވެ.