ރާއްޖެއިން ފުރި ފަހުން ކޮވިޑް 19އަށް ޕޮޒިޓިވްވެފައިވާ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މާރުއާން ފެލިއާނީއާ ޑައިރެކްޓް ކޮންޓެކްވެފައިވާ ރީތި ރަށް ރިސޯޓުގެ ފަސް މުވައްޒަފަކާއި އެމްއޭސީއެލްގެ 15 މުވައްޒަފަކު ފާހަގަކުރެވިފައިވާ ކަމަށް ކޮވިޑް 19އާ ގުޅިގެން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ ފެލައިނީ ރާއްޖެ އައިސްފައިވަނީ އަދި ރާއްޖެ ދޫކޮށް ގޮސްފައިވަނީ ވެސް ޑުބާއީ މަގުން ކަމަށެވެ.
"މިކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން މިހާ ހިސާބަށް އައިއިރު، 20 ޑައިރެކްޓް ކޮންޓެކްޓެއް އައިޑެންޓިފައި ކުރެވިފައިވޭ. އޭގެ ތެރެއިން ފަސް މީހަކު އައިސޮލޭޝަންގައި ތިބީ ރީތިރަށުގައި. އަދި 15 އެމްއޭސީއެލްގެ ސްޓާފެއް ކޮންޓެކްޓްސްގެ ގޮތުގައި ފެނިފައިވޭ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އޭގެ ތެރެއިން ދެ ކޮންޓެކްޓެއް އއ. ވެލިދޫ ފެސިލިޓީއަށް ގެންގޮސް، ކޮވިޑް 19ގެ އަލާމާތްތައް ހުރި ކަމަށް ފެނިގެން ޓެސްޓުކޮށްފައިވާ ކަމަށާއި އެމީހުންގެ ނަތީޖާ ނެގަޓިވް ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް 19އަށް 13 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅުވެފައެވެ. މިހާތަނަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.