ފޮރިން މިނިސްޓްރީ

ރާއްޖޭގައި ސިފައިން ބޭތިއްބުމާއި ޗައިނާގެ ގުޅުން ކުޑަކުރުމަށް އިންޑިއާއިން ޝަރުތެއް ނުކުރޭ: ޝާހިދު

2

ރާއްޖޭގައި އިންޑިއާ ސިފައިން ބޭތިއްބުމަށް އިންޑިއާގައި ކުރިޔަށް ދިޔަ މަޝްވަރާތަކުގައި އެގައުމުން ޝަރުތު ނުކުރާ ކަމަށާއި ޗައިނާއާ އެކު އޮންނަ ގުޅުން ކުޑަކުރަން ޖެހޭނެ ކަމަށް ވެސް އިންޑިއާއިން ނުބުނާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ބަޖެޓު ސްޕޯޓަށް މާލީ އެހީތެރިކަން ހޯއްދެވުމަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން، މި ވަގުތު ޔުނައިޓެޑް އަރަބި އެމިރޭޓްސްގައި ހުންނަވައިގެން "ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ އިންޑިއާ ދަތުރުފުޅުގައި އެފަދަ ޝަރުތުތަކެއް އެގައުމުން ކޮށްފައި ނުވާ ކަމަށާއި އެހެން ނަމަވެސް މާލީ އެހީތެރިކަން ދެއްވުމާ ގުޅޭގޮތުން މަޝްވަރާތައް ކުރެއްވުނު ކަމަށެވެ.

"ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބަން ނޫނީ ޗައިނާއާ އޮންނަ ގުޅުން ކުޑަކުރަން އިންޑިއާއިން ޝަރުތެއް ނުކުރޭ. އެކަމަކު ފައިސާގެ އެހީތެރިކަން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު. ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދަތުރުފުޅުގައި އެކަން ފައިނަލް ވެގެން ދާނެ." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ މިހާރު ޔޫއޭއީ އަށް ކުރައްވާ ދަތުރުފުޅުގައި އެގައުމުގެ ފޮރިން މިނިސްޓަރު ޝެއިޚް އަބްދުﷲ ގެ އިތުރުން އިސް އޮފިޝަލުންނާ ބައްދަލުކުރައްވަން ނިންމަވައިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މި ބުރުގައި ދެން އިތުރު ގައުމަކަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު ކުރީން ވެސް ދެންނެވި ފަދައިން މި ފަށައިގެން އުޅޭ ދަތުރުގައި އިތުރު ގައުމު ތަކަށް ދާން އޮތީ ނިންމާފަ. އެހެން ނަމަވެސް މާދަން ހެނދުނު ރާއްޖެ ގޮސް ފަހުން އަނެއްކާ ވެސް އެހެން ގައުމުތަކަށް ދަތުރު ފަށާނީ." ޝާހިދު ވިދާޅުވި އެވެ.

ރާއްޖެއަށް ކަންތައްތަކެއް ޝަރުތުކޮށް އެއް ބިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް އިންޑިއާ ތައްޔާރަށް އޮތް ކަމަށް އެގައުމުގެ މީޑިއާ ތަކުން ދާދި ފަހުން ވަނީ ރިޕޯޓުކޮށްފަ އެވެ. އިންޑިއާއިން ފައިސާގެ އެހީ ދޭން ކުރިމަތިކުރާ ޝަރުތުތަކުގެ ތެރޭގައި ރާއްޖޭގައި އެ ގައުމުގެ ސިފައިން ބޭތިއްބުމާއި ޗައިނާއާ އެކު ރާއްޖެއިން ބާއްވާ ގުޅުން ކުޑަކުރުން ހިމެނޭ ކަމަށް ވެސް އެގައުމުގެ ބައެއް މީޑިއާތަކުން ވަނީ ބުނެފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟