ރާއްޖެއިން ކޮވިޑް 19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ އިޓަލީގެ ތިން މީހަކާއި ތުރުކީގެ މީހަކާއި ސައުތު އެފްރިކާގެ މީހެއް ކަމަށް ސަރުކާރުން ބުނެފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް 19 ޖެހުނު 13 މީހުންގެ ތެރެއިން ފަރުވާ ދީގެން ރަނގަޅު ކުރެވިފައިވަނީ އިޓަލީގެ ތިން މީހަކާއި ތުރުކީ ވިލާތުގެ މީހެއްގެ އިތުރުން ސައުތް އެފްރިކާގެ މީހެއް ކަމަށެވެ.
ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓްވި 13 މީހުންގެ ތެރެއިން ނުވަ މީހުންނަކީ އިޓަލީގެ މީހުން ކަމަށް މަބްރޫކް މީގެ ކުރިން ވިދާޅުވިއެވެ. އެހެންކަމުން ކޮވިޑް 19އާ ގުޅިގެން މިހާރު ފަރުވާދެމުން އަންނަނީ އިޓަލީގެ ހަ މީހާކާއި، އިނގިރޭސިވިލާތުގެ މީހެއްގެ އިތުރުން ޖަރުމަންގެ މީހަކަށެވެ.
މަބްރޫކް ވިދާޅުވީ، އޭގެ ތެރެއިން އެއް ފަރާތެއްގެ ހާލު ދެރަވެގެން ދަރުމަވަންތަ ހޮސްޕިޓަލުގެ ކްރިޓިކަލް ކެއާގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯގެ މިންގަނޑަށް ބަލާއިރު ކޮވިޑް 19އިން ރަނގަޅުވި ކަމަށް ބަލަނީ ދެ ޓެސްޓުގެ ނަތީޖާވެސް ނެގެޓިވްވުމުންނެވެ. ސަރުކާރުން ބުނީ ބަލި ޖެހުނު މީހުންގެ ތެރެއިން ބައެއް ފަރާތްތަކުގެ ފުރަތަމަ ޓެސްޓް މިހާރުވެސް ނެގެޓިވްވެފައިވާ ކަމަށެވެ.