ޚަބަރު

ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީއަށް މިނިސްޓަރު އަލީ ވަހީދު އައްޔަންކުރައްވައިފި

"ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީ"އަށް ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ، ޔޫއެންޑަބްލިޔުޓީއޯ އިން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އައްޔަންކުރައްވައިފިއެވެ.

"ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީ"އަކީ ކޮވިޑް 19އާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވާނެ ކަންކަން ދިރާސާކޮށް، ޖުމްލަ ހައްލެއް ގެނައުމަށްޓަކައި ޔޫއެންޑަބްލިޔުޓީއޯ އިން އެކުލަވާލި ކޮމިޓީއެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ޔޫއެންޑަބްލިޔުޓީއޯ އިން ބޭއްވި "ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވާޗުއަލް މީޓިން"ގައި އެކުލަވާލުމަށް ނިންމި ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީއަށް އެ ޖަމިއްޔާގެ ސައުތު އޭޝިއާ ރީޖަނަލް ކޮމިޝަންގެ ޗެއާ އަދި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އައްޔަންކުރައްވާފައިވާ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން އެންމެ ބޮޑަށް އަސަރުކުރާ އެއް ސިނާއަތަކީ ޓޫރިޒަމް ސިނާއަތެވެ. ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ވެސް ވަނީ ބޮޑު ގެއްލުމެއް ކުރިމަތިވެފައެވެ.