އަލީ ޔާމިން
ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ މުޅި ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް 19 ފެތުރެމުންދާތީ، ސައުދީ އަރަބިއްޔާގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، މިއަދުން ފެށިގެން 21 ދުވަހުގެ މުއްދަތަކަށް، ރޭގަނޑު 7:00 އިން ހެނދުނު 6:00 އަށް، އެ ގައުމުގެ ހުރިހާ ސަރަހައްދެއްގައި ކާފިއު އެއް ހިންގަން ނިންމާފައިވާ ކަމަށެވެ.
އެގައުމުން އަޅަމުން އަންނަ ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މީގެ އިތުރުން ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުން ފޮރިން މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންގައި ރެޖިސްޓާ ކުރުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ސައުދީގައި ދިރިއުޅޭ ދިވެހި ރައްޔިތުން އެގައުމުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓާ ކުރުމަށް ފޮރިން މިނިސްޓްރީން އެދެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ވައިގެ މަގުން ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން، ރިޒޯޓުތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް (ދިވެހިން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް) ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ނިންމާފައިވާ ކަމަށާއި އެގޮތުން ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލު ދުރާލާ މިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.
ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރެންސް ހޯދުމަކީވެސް މުހިންމު ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.