އަލީ ޔާމިން
ސިޓީ ކައުންސިލްގެ ވެރިޔާއަށް މޭޔަރު ނުކިޔޭ ގޮތަށް ގާނޫނު އިސްލާހުކޮށްގެން ނުވާނެ ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އިސް މަގާމުތަކެއްވެސް ފުރުއްވައިފައިވާ އަލްހާން އެފަދައިން ވިދާޅުވީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ސިޓީ ކައުންސިލްގެ ރައީސްއާ މުހާތަބު ކުރާގޮތް ބަޔާންކޮށްފައިވާ މާއްދާ އުނިކުރަން، މިމަހުގެ 17 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އެ ގާނޫނަށް އިސްލާހެއް ހުށަހެޅުއްވުމުންނެވެ.
އެ ބިލު ހުށަހަޅުއްވަމުން ނިޔާޒް ވިދާޅުވީ، ބިލު ހުށަހެޅުއްވުމުގެ ބޭނުމަކީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ކުރިން އިސްލާހު ކުރަންޖެހޭ ބައެއް އިދާރީ ކަންކަން ހުރުމާއެކު އެ ކަންކަން އިސްލާހުކުރުމަށްޓަކައި އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކެއް ގެނައުން ކަމަށެވެ. އެ ގާނޫނަށް ދިހަ އިސްލާހެއް ހުށަހަޅާފައިވާ އިރު، އެ އިސްލާހުތަކުގެ ތެރޭގައި ލާމަރުކަޒީ ގާނޫނުގެ 49 ވަނަ މާއްދާ އުވާލަން ވަނީ ހިމަނައިފައެވެ. އެ މާއްދާއަކީ ސިޓީ ކައުންސިލްގެ ރައީސަށް މުހާތަބުކުރާ ގޮތް ބަޔާންކުރާ މާއްދާއެވެ. އެ މާއްދާގައި ބުނެފައިވަނީ ސިޓީ ކައުންސިލުގެ ރައީސަށް މުހާތަބުކުރާނީ "މޭޔަރު" މިގޮތަށެވެ. އަދި ސިޓީ ކައުންސިލްގެ ނައިބު ރައީސްއާ މުހާތަބުކުރާނީ "ޑެޕިއުޓީ މޭޔަރު" މިގޮތަށެވެ.
މިކަމަށް ރައްދު ދެއްވައި އަލްހާން މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، އިންތިހާބު އިއުލާނުކޮށް، ކެންޑިޑޭޓުން ފައިނަލްކޮށްގެން ކެމްޕޭން ކުރިއަށްދަނިކޮށް އެފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށާއި އެކަމުގެ ސަބަބުން ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރާނެ ކަމަށެވެ.
މިކަމާ ގުޅިގެން "ވަން"އަށް ދެއްވި އިންޓަވިއުއެއްގައި އަލްހާން ވިދާޅުވީ، ސިޓީ ކައުންސިލްގެ ވެރިޔާއަށް މޭޔަރު ނުކިޔޭ ގޮތަށް ގާނޫނު އިސްލާހުކުރަން މަޖިލީހުގެ ތެރެއިން މަސައްކަތް އެކުރަނީ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތުމުން ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ. އަދި ގާނޫނީގޮތުން މޭޔަރަކަށް ލިބޭ ހައިސިއްޔަތު ދަށްކުރުމަށް ކަމަށް އަލްހާން ވިދާޅުވިއެވެ.
"އިނގިރޭސި ބަހުން ސިޓީތަކުގެ އެންމެ އިސްވެރިންނަށް މިކިޔަނީ މޭޔަރު. އަޅުގަނޑަށް ލަފާ ކުރެވެނީ ލާމަރުކަޒީ ގާނޫނުގެ ދަށުން މޭޔަރަށް ލިބިދޭ ބާރުތައް ހަނިކުރަން ކުރާ މަސައްކަތެއްހެން މިއީ،" އަލްހާން ވިދާޅުވިއެވެ.
މީގެ އިތުރުން އަލްހާން ވިދާޅުވީ، އިންތިހާބުގެ ކެމްޕޭނަށް ބައެއް ކެންޑިޑޭޓުން ބޮޑު ހަރަދެއް ކޮށްފައިވާ ކަމަށާއި ޕޯސްޓަރުތަކާއި އެނޫންވެސް ތަކެތި މިހާރު ހަދާފައިވާ ކަމަށެވެ. އެހެންކަމުން މަޖިލިސް މެދުވެރިކޮށް އެގޮތަށް ގާނޫނަށް ބަދަލު ގެނައުމަކީ މާލީ ގޮތުން ލިބޭނެ ގެއްލުމެއް ކަމަށް އަލްހާން ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ކުރިން ބާއްވާ ގޮތަށް ހަމަޖައްސާފައި އޮތީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އިންތިހާބުގެ ވޯޓުލުން މިމަހުގެ 18 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައެވެ. އަދި އެ މުއްދަތުގައިވެސް އެ އިންތިހާބު ނުބޭއްވޭނެތީ، މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށައިފައެވެ.