އަލީ ޔާމިން
ޗައިނާއިން އެހީއަށް ބޭނުންވި ވަގުތު ދިވެހިން އެހީވެދިން ކަމަށާއި އެހެންކަމުން ދިވެހިންނަށް އެހީވާން ޗައިނާވެސް އޮތީ ތައްޔާރަށް ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.
ކޮވިޑް 19އާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ޗައިނާ ހިމެނޭހެން ބައެއް ގައުމުތަކުގެ އެހީތެރިކަމަށް އެދިފައެވެ. އެކަމާ ގުޅިގެން ޗައިނާ ސަފީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް އެހީ ފޮނުވާނެ ފްލައިޓެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖެއާއި ޗައިނާއާ ދެމެދު ވައިގެ ދަތުރުފަތުރު ވަގުތީގޮތުން ހުއްޓާލާފައިވާ އިރު، ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކުން ވެސް ދަތުރުތައް މެދުކަނޑާލާފައިވުމުން ރާއްޖެއަށް ޗައިނާއިން ތަކެތި ގެނައުމުގައި ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
ޗައިނާ ސަފީރުގެ ޓުވީޓާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ޗައިނާގެ އެހީތެރިކަމަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކޮވިޑް 19ގެ ސަބަބުން ފްލައިޓުތައް ހޯދުމަށް ދަތިތަކެއް ކުރިމަތިވާނެކަން ދިވެހިރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ކަމަށާއި އެހެންނަމަވެސް އުންމީދަކީ އަވަސް މުއްދަތެއްގައި ޗައިނާގެ އެހީ ރާއްޖެއަށް ލިބުން ކަމަށެވެ.