ޚަބަރު

ކަރަންޓު ބިލުތައް އެސްއެމްއެސް މެދުވެރިކޮށް ފޮނުވަން ސްޓެލްކޯއިން ނިންމައިފި

މަރިޔަމް ޝަހުދާ

ކޮވިޑް 19އާއި ގުޅިގެން ކަރަންޓު ބިލުތައް އެސްއެމްއެސް މެދުވެރިކޮށް ފޮނުވަން ސްޓެލްކޯއިން ނިންމައިފި އެވެ.

ސްޓެލްކޯ އިން މައުލޫމާތު ދިން ގޮތުގައި ކޮވިޑް 19ގެ ކަންކަން ހަމަޔަކަށް އެޅެންދެން އެ ކުންފުނިން ކަރަންޓު ބިލްތައް ފޮނުވާނީ ކަސްޓަމަރުން ދީފައިވާ ނަންބަރުތަކަށެވެ. އަދި ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވެސް ބިލްތައް ފޮނުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން މިހާރު ކަސްޓަމަރުންގެ މައުލޫމާތު ނެތް ކަރަންޓު ބިލުތައް އެގެއެއްގެ އެންމެ ތިރީބުރިޔަށް ގެންގޮސްދޭނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. ނަމަވެސް ހުރިހާ ކަސްޓަމަރުންވެސް އެބޭފުޅުންގެ މައުލޫމާތު އެކުންފުންޏާއި ހިއްސާ ކުރުމަށް ސްޓެލްކޯއިން އެދެއެވެ.

ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ މޯބައިލް އެޕްލިކޭޝަން ބޭނުން ކުރުމަށް އެ ކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ. އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ބިލަށް ފައިސާ ދެއްކުމަށް އިލްތިމާސްކޮށްފައެވެ.

ކޮވިޑް 19ގެ ސަބަބުން އެކި ކުންފުނިތަކާއި އޮފީސްތަކުން އަންނަނީ އޮންލައިންކޮށް ހިދުމަތް ހޯދޭނެ ގޮތްތައް އާންމުންނަށް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންނެވެ.