ސާކް

ކޮވިޑް 19 ސާކް އިމަޖެންސީ ރިލީފް ފަންޑަށް ސްރީލަންކާ ބަންގްލަދޭޝް އަދި އަފްގާނިސްތާނުން 7.5 މިލިއަން ޑޮލަރު

މިންހާ ފާއިޒް ރަޝާދު

ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އަށް ކުރިމަތިލުމަށާއި އެ ވަބާއިން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާގެ އިސްނެގުމަށް އުފެއްދި ސާކް ކޮވިޑް 19 އިމަޖެންސީ ރިލީފް ފަންޑަށް ސްރީލަންކާ، ބަންގްލަދޭޝް އަދި އަފްގާނިސްތާނުން 7.5 މިލިއަން ޑޮލަރު ހަދިޔާ ކުރަން ނިންމައިފި އެވެ.

އެކަން ހާމަ ކުރެއްވީ ދާދި ދެންމެ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަކިވަކިން ތިން ގައުމުގެ ވެރިންނަށް ޝުކުރު އަދާކުރައްވައި ކުރެއްވި ޓުވީޓުތަކުގައެވެ.

އެގޮތުން އެ ފަންޑަށް އަފްގާނިސްތާނުން އެއް މިލިއަން ޑޮލަރު ހަދިޔާ ކުރައްވާއިރު، ސްރީ ލަންކާއިން ފަސް މިލިއަން ޑޮލަރު ހަދިޔާ ކުރައްވާކަން ވަނީ ހާމަކުރައްވާފައެވެ. އަދި ބަންގްލަދޭޝުން 1.5 މިލިއަން ޑޮލަރު ހަދިޔާ ކުރައްވާނެކަން މޯދީގެ ޓުވީޓުގައި ވަނީ ހާމަކުރައްވާފެއެވެ.

ކޮވިޑް 19 އިމަޖެންސީ ރިލީފް ފަންޑު އުފައްދަން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ހުށަހެޅުއްވީ، އެމަނިކުފާނުގެ އިސްނެންގެވުމަށް މިމަހުގެ 15 ވަނަ ދުވަހު ސާކު ގައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވި ޓެލެކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން އެ ފަންޑު އުފައްދައި އިންޑިއާއިން ވަނީ 10 މިލިއަން ޑޮލަރު ފަންޑަށް ޖަމާކޮށްފައެވެ. އެ ފަންޑަށް މިހާތަނަށް އެންމެ ބޮޑު އަދަދެއް ޖަމާކޮށްފައިވަނީ ވެސް އިންޑިއާއިންނެވެ.

ސާކުގައި އަށް ގައުމެއް ހިމެނޭއިރު އިންޑިއާގެ އިތުރުން ރާއްޖެ، ބޫޓާން، ނޭޕާލް އަދި އަފްގާނިސްތާނުން ވަނީ މީގެ ކުރިން ފައިސާގެ އެހީ ހުށަހަޅުއްވާފައެވެ.

ރާއްޖެއިން އެ ފަންޑަށް ދެ ލައްކަ އެމެރިކާ ޑޮލަރު ޖަމާކުރަން ނިންމާފައިވާއިރު ބޫޓާނުން ވަނީ އެއް ލައްކަ އެމެރިކާ ޑޮލަރު ލައިފައެވެ. އަދި އަފްގާނިސްތާނުން އެއް މިލިއަން ޑޮލަރު އަދި ނޭޕާލުން 830،000 ޑޮލަރު ޖަމާކުރަން ވަނީ ނިންމައިފައެވެ.

އެހެން ކަމުން އިމަޖެންސީ ރިލީފް ފަންޑަށް މިހާތަނަށް މުޅި ޖުމުލަ 19 މިލިއަން ޑޮލަރު މިވަނީ ލިބިފައެވެ.

ސާކު ގައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވި ޓެލެކޮންފަރެންސަކީ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ސާކްގެ ގައުމުތަކުން އަމަލުކުރާނެ ސިޔާސަތެއް އެކުލަވާލުމަށް ބޭއްވި ޓެލެކޮންފަރެންސެކެވެ.