ޚަބަރު

ކޮވިޑަށް ރައްކާތެރިވުމުގެ ގޮތުން އެމްޓީސީސީގެ މެނޭޖްމެންޓް ބައްދަލުވުން އޮންލައިންކޮށް!

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ބާއްވަން ޖެހޭ އިޖުތިމާއީ ދުރުމިން ހިފެހެއްޓުމުގެ ގޮތުން އެމްޓީސީސީގެ މެނޭޖްމެންޓު ބައްދަލުވުންތައް މިހާރު ކުރިއަށް ގެންދަނީ މައިކްރޯސޮފްޓްގެ ސޮފްޓްވެއާއެއް ކަމަށްވާ ޓީމް ބޭނުންކޮށްގެން ކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އެމްޓީސީސީއަކީ ކޮންސްޓްރަކްޝަން ކުންފުންޏަކަށް ވާތީ އާދައިގެ އެހެން ދުވަސް ތަކެކޭ އެއްގޮތަށް ކޮންމެ ދުވަހެއްގެ މަސައްކަތްތައް ވެސް ހުއްޓައި ނުލައި ކުރިޔަށް ގެންދަން ޖެހޭ ކަމަށެވެ.

"މިތަނުން މަސައްކަތް ކުރަން ޖެހޭ ކޮންމެ ދުވަހަކީ ނޯމަލް ޑޭއެއްގެ ގޮތުގައި މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ދުވަހެއް، އެއީ ރައީސް އެ ބޭނުންފުޅުވާ ގޮތަށް ޕްރޮޖެކްޓްތައް ކުރިޔަށް ގެންދަން ޖެހޭނެ، ނަމަވެސް ކޮވިޑް 19 އާއި ގުޅިގެން އެންމެ މަދުން މުވައްޒަފުން ބައިތިއްބަން ޖެހޭ އަދަދަށް މުވައްޒަފުން ބައިތިއްބައިގެން ދެން ގޭގޭގަ އާއި އެމީހެއްގެ ކެބިންގައި ތިބެގެން މީޓިިންތައް ބާއްވައިގެން ކުރިޔަށް މިގެންދަނީ،" އާދަމް ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ، އެމްޓީސީސީގެ ފެރީ އާއި ބަހުގެ ހިދުމަތް ދޭއިރުވެސް މުވައްޒަފުންނާއި ދަތުރު ކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އަދި ފެރީތަކާއި ބަސްތައްވެސް ދަތުރެއް ނިމޭއިރަށް ބަރާބަރަށް ސާފުކޮށް ބަލަހައްޓާ ކަަމަށް ވެސް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކޮވިޑް 19 އިން ރައްކާތެރި ވުމަށް ކުރާ މަސައްކަތްތަކުގެ ފްރަންޓް ލައިންގައިވެސް އެމްޓީސީސީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެކަންތައްތަކުގައި އެމްޓީސީސީގެ ލޯންޗް ތަކާއި ދޯނި ތަކާއި ވެހިކަލްތައް މުވައްޒަފުންނާއެކު ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.